ރޯދަމަހަކީ އަހަރުގެ ތެރޭގައި އަންނަ އެންމެ ބަރަކާތްތެރި މައްސަރެވެ. މިއީ ފާފަފުއްސެވުމާއި، ރަޙްމަތާއި، ނަރަކައިން މުއްތި ކުރެއްވުމުގެ މައްސަރެވެ.
މިމަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ކޮންމެ މުސްލިމަކުވެސް، ފަރުވާތެރިވާން ޖެހޭނެއެވެ. އެހެން ދުވަސްތަކަށްވުރެ، ހެޔޮކަންތައް އިތުރުކޮށް، ސީދާ މަގުގައި ސާބިތުވުމަށް މިމަހުގައި ސަމާލުކަން ދޭންޖެހޭނެއެވެ. އެގޮތުން، ރޯދަމަހުގައި ތިމާ ކުރާނެކަންތައްތަކާއިމެދު ކުރީބައިގައި
ވިސްނައި، އެކަންތައް ކުރަން ތިމާ ނިންމާ ގޮތެއްގެ މަތިން، އެކަންތައްތައް ކުރުމަށް ޢަޒުމު ކަނޑައެޅިދާނެއެވެ.
އަޅުގަނޑުގެ މިލިޔުމުގައި މިބަލާލަނީ، މިދެންނެވި ގޮތަށް، ރޯދަމަހު ކަންތައް ކުރާނެގޮތް ހިމެނިފައިވާ ނަމޫނާ ޕްރޮގުރާމަކަށެވެ.
1- އަހަރެން ނަމާދު ކުރާނަމެވެ.
ނަމާދަކީ ދީނުގެ ތަނބެވެ.ދީނުގެ އެންމެ މުހިންމު އެއް ރުކުނެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. مَنْ غَدَا إِلَى الْمَسْجِدِ وَرَاحَ أَعَدَّ اللَّهُ لَهُ الْجَنَّةَ نُزُلًا كُلَّمَا غَدَا وَرَاحَ
މާނައަކީ: "ހެނދުނާއި ހަވީރު މިސްކިތަށްދާ މީހަކަށް، އޭނާ މިސްކިތަށްދާ ކޮންމެ ފަހަރަކަށް ސުވަރުގޭގައި އޭނާއަށް މާތްﷲ މެހެމާންދާރީގެ ގެއެއް ތައްޔާރުކޮށްދެއްވާނެއެވެ."
ރޯދަމަހު މިކަމުގައި އަހަރެންގެ ލަނޑުދަނޑިއަކަށް ހަދާނީ ފަރުޟު ފަސް ނަމާދު ބަރާބަރަށް ވަގުތުގައި އަދާކުރުމެވެ. މިސްކިތަށް ގޮސް ޖަމާޢަތުގައި، އެންމެ ކުރީ ސަފުގައި ހުރެގެން ކޮންމެ ނަމާދެއްވެސް ކުރެވޭތޯ އަހަރެން ބަލާނަމެވެ.
ދުވާލާއި ރޭގަނޑުގައި އޮންނަ ސުންނަތް 12 ރަކްޢަތްވެސް ކުރާނަމެވެ. ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. مَنْ صَلَّى اثنَتَى عَشْرة رَكْعَة بنى لَه قَصْر فىْ الجَنلَّة
މާނައަކީ: "ބާރަ ރަކްޢަތް ކޮށްފިމީހަކަށް (އެބަހީ ސުންނަތްތައް ކޮށްފިމީހަކަށް) ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރެވޭ ހުއްޓެވެ."
މިރަކްޢަތްތަކަކީ :-
– ފަތިސްނަމާދުގެ ކުރިން ދެރަކްޢަތް
– މެންދުރު ނަމާދުގެ ކުރިން ދެރަކްޢަތް އަދި އޭގެ ފަހުން ހަތަރު ރަކްޢަތް ނުވަތަ މީގެ އިދިކޮޅު (ނަމާދުގެ ކުރީގައި 4 ރަކްޢަތް ކޮށްފައި ފަހުން 2 ރަކްޢަތް ކުރުން)
– މަޣްރިބު ނަމާދުގެފަހުން ދެ ރަކްޢަތް
– ޢިޝާ ނަމާދުގެ ފަހުން ދެރަކްޢަތް
– ރޯދަމަހުގެހުރިހާ ދުވަހެއްގައިވެސް، މިގޮތަށް ނަމާދުގެ ކަންތައްތައް ގެންދިއުމަށް އަހަރެން ހިތްވަރުކުރާނަމެވެ.
2- އަހަރެން ޤުރުއާން ކިޔަވާނަމެވެ.
ރޯދަމަސް ނިމޭއިރު އަހަރެން ދެފަހަރަށް ޤުރުއާން ޚަތިމު ކުރާނަމެވެ. ފުރަތަމަ އެމަހުގެ ފުރަތަމަ 20 ގައެވެ. ދެން އަނެއް ޚަތިމު އެމަހުގެ ފަހު ދިހައިގައެވެ. ނުވަތަ އެންމެ މަދުވެގެންވެސް މިމަސް ނިމޭއިރު، އެއްފަހަރު ޤުރުއާން އެއްކޮޅުން އަނެއްކޮޅަށް އަހަރެން ކިޔަވާނަމަވެ.
ޤުރުއާނުން ކިޔަވާ ކޮންމެ އަކުރަކަށް 10 ހެޔޮކަން ނުވަތަ ޘަވާބު ލިބޭނެކަމަށް ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ.
بسم الله الحمن الرحيم ކިޔުމުންވެސް 190 އަށްވުރެ މަދުނުވާވަރަކަށް އަހަންނަށް ﷲ ހެޔޮކަންދެއްވާނެއެވެ. އެއީ ބިސްމި ފުރިހަމަކޮށް ކިޔާއިރު 19 އަކުރު ކިޔޭނެތީއެވެ. ޤުރުއާނުގެ ކޮންމެ ޖުޒުއު ( ފޮތެއް ) އެއްގައި 7000 އަކުރު ހިމެނެއެވެ. އެއަށް އެންމެ މަދުވެގެންވެސް 70,000 ޘަވާބު ލިބޭނެއެވެ. ޤުރުއާން ޚަތިމުކުރެވިއްޖެނަމަ، 4 މިލިއަން 900 ހާސް ޘަވާބު ލިބޭނެއެވެ. ދެފަހަރު ކޮށްފިނަމަ އެންމެ މަދުވެގެން 300 މިލިއަން ހެޔޮކަން މިންވަރުކުރައްވާނެއެވެ.
ހެޔޮކަމުގެ ޘަވާބު ﷲ ސުބްޙާނަހޫ ވަތަޢާލާ އިތުރުކޮށްދެއްވަނީ ހަމައެކަނި 10 ގުނަ އަކަށް ނޫނެވެ. 700 ގުނަ އަށާއި އެއަށްވުރެ މައްޗަށްވެސް، އެކަލާނގެ އިރާދަކުރައްވައިފިނަމަ، ހެޔޮކަމަށް ޘަވާބު ދެއްވައެވެ. ކީރިތި ޤުރުއާނުގައި އަލްބަޤަރާ ސޫރަތުގެ 261 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ. مَّثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللّهِ كَمَثَلِ حَبَّةٍ أَنبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنبُلَةٍ مِّئَةُ حَبَّةٍ وَاللّهُ يُضَاعِفُ لِمَن يَشَاءُ وَاللّهُ وَاسِعٌ عَلِيمٌ
މާނައަކީ "އެބައިމީހުން މުދާ ﷲ ގެ މަގުގައި ހޭދަކުރާ މީހުންގެ މިސާލަކީ ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށްޓަރު ޝާމިލުވެގެންވާ ހަތްކުރާގަނޑު އުފައްދާ އޮށްޓަރެއްގެ މިސާލެވެ. އަދި ދަންނައެވެ. ﷲ އެކަލާނގެ އިރާދަކުރައްވައިފި އަޅަކަށް ގިނަގުނަވި ތަނަވަސްކަން ދެއްވަތެވެ. އަދި ﷲ އަކީ ނުހަނު ތަނަވަސްކަން ދެއްވާ ހުރިހާކަމެއްމެ ދެނެވޮޑިގަންނަވާ ރަސްކަލާނގެއެވެ."
3- އަހަރެން ޞަދަޤާތްކުރާނަމަވެ.
ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢައްބާސް ވިދާޅުވިއެވެ. كَانَ رَسول الله صَلى الله عَليْه وَسَلم أَجْوَد الناس وَكَانَ أَجْوَد مَا يَكوْن فيْ رَمَضَان حيْن يَلْقَاه جبْريل وَكَانَ يَلقَاه في كل لَيلة منْ رَمَضَان فَيدارسه القرْآن فلرسوْل الله صَلى الله عَليْه وَسَلمَ أجْوَد بالخَيْر منْ الريْح المرْسلة
މާނައަކީ: ސަލާމާއި ޞަލަވާތް ލެއްވި ﷲގެ ރަސޫލާވެވަޑައިގަތީ މީސްތަކުންގެ ތެރެއިން އެންމެ ދީލަތި ފަރާތްކަމުގައެވެ. ރޯދަމަހުގައި ޖިބްރީލްގެފާނު ވަޑައިގެން އެކަލޭގެފާނާއިއެކު ޤުރުއާން މުދާރަސާކުރައްވާއިރު، އެކަލޭގެފާނުގެ ދީލަތިކަން އޭގެ އެންމެ މައްޗަށް ދެއެވެ. ފަހެ ހެޔޮކަމުގައި އެކަލޭގެފާނުގެ ދީލަތިކަން، ހަލުއި ވައިރޯޅިއަކަށްވުރެ އަވަހެވެ."
ދީލަތިކަމަށް ޢަރަބި ބަހުގައި ކިޔާ އުޅެނީ ކަރަމް އެވެ. ދީލަތިކަން އިތުރުވެ، މައްޗަށް ދިއުމުން ކިޔެނީ ޖޫދް އެވެ. މިތަނުގައި ޢަބްދުﷲ ބިން ޢައްބާސް ކަރަމްގެ ބަދަލުގައި ޖޫދް ބޭނުންކުރައްވާފައި އެވަނީ ދީލަތިކަމުގެ އެންމެ މަތީ ދަރަޖަ ބަޔާންކޮށްދެއްވުމަށްޓަކައެވެ.
މިޙަދީޘުން ޖިބްރީލްގެ ފާނާއިއެކު ރަސޫލާ ޤުރުއާން ދިރާސާ ކުރައްވާކަން ހާމަވެފައި އޮތުމުން، ޤުރުއާން ކިޔަވައި އުޅުމުގެ އިތުރުން، ޞާލިޙު، ހެޔޮ ރަނގަޅު މީހުންނާއިއެކު އުޅުމުގެ މުހިންމުކަން ދޭހަކޮށްދެއެވެ. މިކަމަކީ މީހާގެ އީމާންތެރިކަން ރައްކާތެރިކޮށްދީ، ރަނގަޅު ކަންތައްތައް ކުރުންމަތީ ދެމިހުރުމަށް ލިބޭ ބާރެކެވެ.
ޙަދީޘްގައި އެވާ ރީޙުލް މުރްސަލާ އަކީ، ހަލުއި ދުވެއްޔެއްގައި، ހުއްޓުމެއްނެތި، ވަކިބަޔަކަށް ޚާއްޞަވުމެއް ނެތި ޖެހޭ ވަޔެކެވެ. ފަހެ ރަސޫލާގެ ދީލަތި ކަމަކީ މިފަދަ، އަދި ކިއެއްތަ އެއަށްވުރެވެސް މަތިވެރި ދީލަތި ކަމެކެވެ. އެކަލޭގެފާނު، ގާތް މީހުންނަށާއި، ދުރުމީހުންނަށްވެސް ދެއްވަވައެވެ. ބޭނުންޖެހިފައި ތިބޭ މީހުންނަށާއި އެނޫން ފަރާތްތަކަށްވެސް ދެއްވަވައެވެ.
ރަޙްމަތްތެރީންނެވެ. އަހަރެމެންނަށްވެސް ދީލަތި ކަމުގައި މިފަދަ ވަޔެއްކަމުގައިވެވިދާނެއެވެ. ވީވަރަކުން މީހުންނަށް ޞަދަޤާތް ދެމާ ހިނގާށެވެ. ޞަދަޤާތަކީ ހަމައެކަނި ފައިސާއިން ދެވޭ އެއްޗެއް ނޫނެވެ. ތިމާގެ އަޚާގެ ކުރިމަތީގައި ހިނިތުން ވެލުމަކީވެސް ޞަދަޤާތެއްކަމަށް، ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ.
ޞަދަޤާތަކީ ރޯދަމަސް ދެމަސްދުވަހަށް ނުވަތަ އެއަށްވުރެވެސް ދިގުކޮށްދީފާނެކަމެކެވެ.
އަހަރަކު ދެފަހަރު ނުވަތަ 10 ފަހަރާއި ހަމައަށްވެސް، ރޯދަމަހުގެ ރޯދަހިފަން ބޭނުން ހެއްޔެވެ؟
ކޮންމެ ދުވަހަކު ރޯދަވެރިއެއް ނުވަތަ ރޯދަވެރިންތަކަކަށް ރޯދަވީއްލުން ދީގެން މިދެންނެވި ގޮތަށް ހެދިދާނެއެވެ. އެއީ ހަމަ އެކަނި ކަދުރެއް ދީގެން ވިޔަސް ނަމައެވެ.
މިސާލަކަށް، މިސްކިތަށް މަޣްރިބު ނަމާދަށްދާމީހުންނަށް ރޯދަ ވީއްލޭނެހެން ކަދުރު ނުވަތަ ފަނި ހަދިޔާ ކުރާށެވެ. ނުވަތަ ރޯދަވީއްލުމަށްޓަކައި ގެއަށް މީހުންނަށް ދަޢްވަތުދޭށެވެ. ކާއެއްޗެހި ގެނެސްދޭ މީހާ ފަދައިން އެއެއްޗެހި ކައްކާ، ތައްޔާރު ކުރާ މީހާއަށްވެސް ޘަވާބު ލިބެއެވެ. ތިބާ ރޯދަވީއްލުމަށްޓަކައި އެހީދޭ ފަރާތަކީ ތިބާގެ ގާތްތިމާގެ މީހެއްކަމަށްވިޔަސް، ދުރުމީހެއްކަމަށްވިޔަސް މިކަމުގައި ތަފާތެއް ނެތެވެ.
ސުންނަތުން އެނގޭގޮތުގައި، މީހެއްގެ ރޯދަ ވީއްލައިދީފިމީހަކަށް، އެރޯދަ ވީއްލި މީހަކަށް ލިބުނުވަރަށް ޘަވާބު ލިބޭނެއެވެ. އަދި މިއިން ކޮންމެ ފަހަރަކަށް ﷲ އޭނާ ނަރަކައިން މުއްތި ކޮށްދެއްވާނެއެވެ.
4- އަހަރެން ތަރާވީސް ނަމާދުކުރާނަމެވެ.
ތަރާވީސް ނަމާދަށް ކޮންމެ ރެޔަކުވެސް އަހަރެން ދާނަމެވެ. ޚާއްޞަކޮށް، ތަރާވީސް ނަމާދުގައި ޤުރުއާން ޚަޠިމުކުރާ މިސްކިތަކަށް ދެވޭތޯ ބަލާނަމެވެ. އޭރުން އަހަރެން އެކަނި އިނދެގެން ޤުރުއާން ޚަޠިމުކުރާ ކުރުމުގެ އިތުރުން، ޤުރުއާން ޚަޠިމުކުރާ އަޑުވެސް އަހަންނަށް އިވޭނެއެވެ.
5 – ގާތްތިމާގެ މީހުންނާއި އަހަރެން ގުޅުން ބަދަހި ކުރާނަމެވެ.
ރަޙިމުގެ ގުޅުން، ނުވަތަ ގާތްތިމާގެ ކަމުގެ ގުޅުން ކެނޑުމަކީ، ފާފަފުއްސެވުން ފަހަތަށް ޖައްސުވާ ރަޙްމަތް ބަނދުވާކަމެކެވެ. މިގުޅުން ބަހައްޓަންވީ ހަމައެކަނި އަހަރެމެންނާއި ގުޅުން ކަނޑާނުލާ ތިބޭ މީހުންނާއި އެކަންޏެއް ނޫނެވެ. އެކަމަކު އެއަށް ވުރެ ކުރިން އިސްކަންދޭންޖެހޭނީވެސް، ތިމާގެ ގާތްތިމާގެ މީހުންގެތެރެއިން ތިމާ އާއި ގުޅުން ކަނޑާލާފައިވާ މީހުންނާއި ގުޅުން އުފެއްދުމަށެވެ.
ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. لَيسَ الوَاصِل بالمكافِئ وَلكِنَّ الوَاصِل الذي إذَا قَطِعَت رَحِمه وَصََلها
މާނައަކީ" (ފުރިހަމަގޮތުގައި) ގުޅުން ބަހައްޓާމީހަކީ އެމީހަކާއި ގުޅުން ބެހެއްޓޭފަދައިން އަނެކާއާއި ގުޅުން ބަހައްޓާމީހާއެއްނޫނެވެ. އެކަމަކު ގުޅުން ބަހައްޓާމީހަކީ، ރަޙިމުގެ ގުޅުން ކަނޑާ މީހާއާ އެ އެގުޅުން ވާޞިލުކުރާ މީހާއެވެ. "
އަހަންނާއި ގުޅުން ކެނޑިފައިވާ ތިމާގެ މީހުންނާއި ގުޅުން ކެނޑެން މެދުވެރިވީ ސަބަބުތައް ހޯދައި އެސަބަބުތައް ނައްތާލުމަށް އަހަރެން މަސައްކަތް ކުރާނަމެވެ. ތިމާގެ މީހުންނަށް ޒިޔާރަތްކުރާނަމެވެ. ސިޓީފޮނުވައިގެން، މެއިލްކޮށްގެން، ފޯނުކޮށްގެންނަމަވެސް އެމީހުންގެ ޙާލު އަޙްވާލު ބަލާ ހަދާނަމެވެ.
6- އަހަރެން ދުޢާ ކުރާނަމެވެ.
ރަމަޟާން މަހަކީ ދުޢާ ކުރުމާއި މުނާޖާ ދެންނެވުމުގެވެސް މަހެވެ. އެހެންކަމުން، ދުޢާ އިޖާބުކުރައްވާނެކަމުގެ ޔަޤީކަންހިތުގައި ބާއްވައިގެން އެކަމަށް ޝައުޤުވެރިވެގެން އަހަރެން ހައްދަވާ ބޮޑު ކުރެއްވި ފަރާތަށް މިމަހުގައި ދުޢާކުރާނަމެވެ.
އަހަރެންގެ މައިންބަފައިންނަށް ހެޔޮ ރަޙްމަތް ލައްވައި ތިމާގެ އެންމެންނަށް ހެޔޮގޮތް މިންވަރުކޮށްދެއްވުމަށް ދުޢާކުރާނަމެވެ. އަހަރެންގެ ޤައުމުގެ ކަންތައްތައް ހިނގުމަށް އެކަލާނގެ އިރާދަކުރެއްވި ފަރާތްތަކަށް އަބަދުމެއަބަދަށް ތެދުމަގު ދައްކަވައި، ނަޞްރު ދެއްވުމަށް އެދޭނަމެވެ.
އަހަރެންގެ އުއްމަތަށް ދިމާވެފައިވާ ދަތިތަކުން އެއުއްމަތް ސަލާމަތްކޮށްދެއްވުމަށް އެދޭނަމަވެ. ފަލަސްޠީނާއި، ޢިރާޤާއި، އަފްޣާނިސްތާނާއި، ޝީޝާނާއި، ކަޝްމީރުފަދަ ތަންތާގައި ދީނާއި ވަޠަނަށްޓަކައި ޖިހާދުކުރަމުންދާ މުޖާހިދުންނަށް ނަޞްރު ދެއްވުމަށް އެދި ދަންނަވާނަމެވެ.
7- ލައިލަތުލް ޤަދްރި ފާއިތުވެދިޔަކަ ނުދޭނަމެވެ.
ރޯދަމަހުގައި އަންނަ އެންމެ ހެޔޮކަން ބޮޑު ރެޔަކީ ލައިލަތުލް ޤަދްރި ވިލޭރެއެވެ. މިއީ އެމަހުގެ އެންމެ ފަހު ދިހައިގެ ރެޔަކުން ކުރެ ރެޔެކެވެ. އެރޭގެ ހެޔޮކަން ގާތްގަނޑަކަށް 83 އަހަރުވަންދެން ކުރާ ހެޔޮކަމަށްވުރެ ބޮޑެވެ. އެހެންކަމުން ލައިލަތުލް ޤަދްރިއާއި ދިމާވެހެޔޮކަމެއް ނުކުރެވި ފާއިތުވެގެން ދިޔަ ނުދިމަށްޓަކައި، ވަކިން ޚާއްޞަކޮށް، ރޯދަމަހުގެ ފަހު ދިހައިގެ ރޭތަކުގައި އަޅުކަން ކުރުމާއި ދުޢާކުރުން މަތީ ދެމި ހުންނާނަމެވެ.
ލައިލަތުލް ޤަދްރި ވިލޭރޭ ކުރާނީ ކޮންކަމެއްތޯ ޢާއިޝަތުގެފާނު ރަސޫލާގެ އަރިހުން ދެންނެވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވީ އަންނަނިވި ދުޢާ ކުރެއްވުމަށެވެ.
اللَّهُمَّ إِنَّكَ عُفُوٌّ كَرِيمٌ تُحِبُّ الْعَفْوَ فَاعْفُ عَنِّي
މިދުޢާގެމާނައަކީ "ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮއެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއަކީ ދީލަތިވަންތަ، ގިނިގިނައިން ޢަފޫކޮށްދެއްވާ، ޢަފޫކޮށްދެއްވުމަށް ލޯބިކުރައްވާ ރަސްކަލާނގެއެވެ. ފަހެ ތިމަން އަޅާއަށް ޢަފޫކޮށްދެއްވާންދޭވެ."
ނޯޓު: މިލިއުމަކީ ކަވާސާގައި އަބްދުއްސައްތާރު އަބްދުލް ހަމީދު ލިޔުއްވާފައިވާ އަގުހުރި ލިޔުމެކެވެ.