Last Updated: April 23, 12:16
Tuesday, April 23, 2024
ކުޅިވަރު

ޔުވެންޓަސް ދޫކޮށްލައި ބުފޮން ޕެރިހަށް؟

އިޓަލީގެ ޔުވެންޓަސްގެ އެއް ނަމްބަރު ގޯލު ކީޕަރު، ގިއަންލުއިގީ ބުފޮން 17 އަހަރު ދުވަހު ކުލަބުގައި ހޭދަކުރުމަށް ފަހު މިސީޒަން ނިމުމުން ކުލަބު ދޫކޮށްލުމަށް ނިންމައިފިއެވެ.

އުމުރުން 40 އަހަރުގެ ބުފޮން ޔުވެންޓަސް އަށް ކުޅޭ ފަހު މެޗު ހޮނިހިރު ދުވަހު ވެރޯނާއާ ދެކޮޅަށް ކުޅޭއިރު ބުފޮން ވަނީ ކުޅުން ހުއްޓާލުމުގެ ބަދަލުގައި އެހެން ކުލަބަކުން ފެނިދާނެ ކަމަށް އިޝާރާތް ކޮށްފައެވެ.

ޚަބަރު ލިބޭ ގޮތުގައި ބުފޮން ގުޅޭނެ ކަމަށް ބެލެވެނީ ފްރާންސުގެ ޕެރިސް ސެއިންޓް ޖާމަނާއެވެ. ފްރާންސު ބައެއް މީޑިޔާ ތަކުގައި ބުފޮންއަށް ޝައުގުވެރިކަން ޕެރިހުން ޔުވޭ އަށް ހުށައަޅާފައިވާ ކަމަށް ރިޕޯޓުކޮށްފައިވާއިރު ޔުވެންޓަސްގެ ރައީސް ވަނީ ގިނަ ކުލަބުތަކުން ބުފޮން ހޯދުމަށް ހުށައަޅަމުން އަންނަ ކަން ކަށަވަރުކޮށްދީފައެވެ.

އަދި އޭނާ ވަނީ ބުފޮން ނިންމާ ކޮންމެ ނިންމުމަކަށް އިހުތިރާމު ކުރާނެ ކަމަށާއި އަދި އެ ނިންމުމަކަށް އެއްބާރުލުން ވެސް ދޭނެ ކަމަށެވެ. ޕެރިހުން ބުފޮންއަށް ކޮންޓްރެކްޓެއް ވެސް ހުށައަޅާފައިވާ ކަމަށް އަޑު ފެތުރިފައިވާއިރު ބުފޮން ވަނީ ދެ ދުވަސް ތެރޭ އޭނާގެ ކުރިމަގާ މެދު ގޮތެއް ނިންމައި، އިއުލާން ކުރާނެ ކަމަށް ބުނެފައެވެ.

ބުފޮން ޔުވެންޓަސްއާ ގުޅުނީ 2001 ވަނަ އަހަރު ޕާމޯ އިންނެވެ. އޭނާ ވަނީ އަބަދުވެސް އެޓީމަށް އެނބުރި ދިއުމަކީ ހުވަފެނެއް ކަމަށް ބުނެފައެވެ. ނަމަވެސް ބުފޮން ބުނެފައިވަނީ އެ ހުވަފެން ބާއްވާނީ ހުވަފެނެއްގެ ގޮތުގައި ކަމަށެވެ.