Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

މި ފަހަރު ގެނެސް ދެނީ "ޞަލާޙުއްދީން އައްޔޫބީ"

ކޮންމެ އަހަރެއްގެ ރޯދަ މަހު ޓީވީއެމުން ގެނެސް ދިން ދީނީ ޓީވީ ސިލްސިލާ "މުހައްމަދު ރަސޫލުﷲ " ގެ ބަދަލުގައި މި އަހަރުން ފެށިގެން ޙިޖުރައިން 6 ވަނަ ޤަރުނުގެ ތެރޭގައި މުސްލިމުންގެ ލީޑަރެއްގެ ގޮތުގައި މަޝްހޫރުވި "ޞަލާޙުއްދީން އައްޔޫބީ"ގެ ހަޔާތްޕުޅުގެ މައްޗަށް ކުޅެފައިވާ ޓީވީ ސީރީސް ގެނެެސް ދޭން ފަށައިފި އެވެ.

ކޮންމެ ހަފުތާ އެކު ދެ ރޭ ގެނެސް ދޭން ނިންމާފައިވާ ސިލްސިލާގެ ފުރަތަމަ ބައި ރޭ 11:30 ގައި ވަނީ ގެނެސް ދީފަ އެވެ. ސިލްސިލާ ދައްކާނީ ބުރާސްފައްޗާއި ހޮނިހިރު ދުވަހުގެ ރެ އެވެ. އެކަމަކު ކުރީގެ ބައިތައް ކޮންމެ ހެނދުނު ޓީވީއެމުން ދައްކާނެ އެވެ.

"ޞަލާޙުއްދީނުލް އައްޔޫބީ" ސިލްސިލާއަކީ ޞަލީބީ ހަނގުރާމަތަކުގެ މަސްރަހެއް ކަމުގައިވި ޝާމްކަރަ އާއި މިޞްރުގައި ހިނގާދިޔަ ސިޔާސީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ކުޅެފައިވާ މަޝްހޫރު ސީރީސްއެކެވެ.

މި ސިލްސިލާގައި މަޝްހޫރު ޤާއިދު ޞަލާޙުއްދީނުލް އައްޔޫބީގެ ހަޔާތްޕުޅުގައި ހިނގާފައިވާ މުހިއްމު ކަންތައްތައް ދައްކުވައި ދޭނެ އެވެ.

ޞަލާޙުއްދީނަކީ ގާތްގަނޑަކަށް 100 ވަރަކަށް އަހަރު ވަންދެން ޤުދުސް ޞަލީބީންގެ އަތްދަށުގައި ވަނިކޮށް، މުސްލިމުންގެ ސަފުތައް އެއްބައި ކުރުވާ، މަޝްހޫރު ޙިއްޠީން ހަނގުރާމައިގައި އެމީހުން ބަލިކޮށް، އެމީހުންގެ ބާރުގެ ދަށުން ޤުދުސް މިނިވަން ކުރެއްވި ބަޠަލެވެ.

ޖުމްލަ 30 އެޕިސޯޑްގެ މައްޗަށް އެކުލެވޭ މި ސީރީސް ފެށިގެން އަންނަނީ ޞަލާޙުއްދީން އުފަންވެވަޑައިގަތުމާއި ހިސާބުންނެވެ. އެއަށް ފަހު އޭގެ ފަހުގެ ދުވަސްތަކުގައި ކަންތައްވަމުން ދިޔަ ގޮތް ދައްކައި، އެ ޒަމާނުގައި ހިނގައި ދިޔަ މުހިއްމު ހާދިސާތައް ވަރަށް ރީތިކޮށް، ގުޅިގެންދާ ގޮތަށް ދައްކުވައި ދެ އެވެ.

މި ސަޢުދީ އަރައްބިއްޔާގެ މިޑިލް އީސްޓް ބްރޯޑްކާސްޓިނގ ސެންޓަރުން ގެނެސް ދިނީ 2001 ގަ އެވެ.