Last Updated: April 18, 22:36
Thursday, April 18, 2024
ކުޅިވަރު

ފްރާންސް ސްކޮޑުން ލަކަޒެޓާއި މާޝިއަލް ބާކީކޮށްފި

އަންނަ ޖޫން މަހު ފެށޭ ފީފާ ވޯލްޑް ކަޕަށް ފްރާންސުން ނެރޭ 23 ކުޅުންތެރިންގެ ސްކޮޑުން މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް އެންތޮނީ މާޝިއަލް އަދި އާސެނަލްގެ އެލެކްސެންޑަރ ލަކަޒެޓް ބާކީކޮށް، ސްކޮޑް ފައިނަލްކޮށްފިއެވެ.

ޑިޑިއަ ޑެޝެމްޕްސްގެ ސްކޮޑުން ޖާގަ ނުލިބުނު މުހިންމު ކުޅުންތެރިންގެ ތެރޭގައި ޕީއެސްޖީގެ ރަބިއޯ، ބެޔާން މިއުނިކްގެ ކޯމަން އަދި މާސޭގެ ޕަޔެޓް ހިމެނެއެވެ. ޕަޔެޓް ސްކޮޑުން ބާކީކޮށްލަން ޖެހުނީ ބުދަ ދުވަހުގެ ރޭ ކުޅުނު ޔޫރޮޕާ ލީގު ފައިނަލުގައި އެތްލެޓިކޯއާ ދެކޮޅަށް މާސޭ ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުންނެވެ.

ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށްފަހު ދާދި ފަހުން ކުޅެން ނިކުތް މެންޗެސްޓާ ސިޓީގެ ބެންޖަމިން މެންޑީއަށް ޑެޝެމްޕްސް ވަނީ ފުރުސަތު ދީފައެވެ.

ޕޮގްބާ، ޖިރޫ އަދި އެމްބާޕޭ އާއި ޔޫރޮޕާ ލީގު ފައިނަލުގައި މޮޅު ކުޅުމެއް ދެއްކި ގްރީޒްމަން ފަދަ ކުޅުންތެރިން ވަނީ ޑެޝެމްޕްސް ގެ ޓީމުން ޖާގަ ހޯދާފައެވެ. ޒުވާން ގިނަ ކުޅުންތެރިންނާއެކު ޑެޝެމްޕްސް ވޯލްޑް ކަޕަށް ނިކުންނައިރު އޭނާގެ ރިސާވް ޓީމުގައިވެސް މޮޅު ކުޅުންތެރިން ގިނައެވެ.

މީގެ ދެއަހަރު ކުރިން ކުޅުނު ޔޫރޯ ޗެމްޕިއަންޝިޕްގެ ރަނަރަޕް ޓީމުގެ ގޮތުގައި ފްރާންސު މުބާރާތް ނިންމާލިއިރު މިފަހަރުގެ ވޯލްޑް ކަޕަށް ފްރާންސު ދަނީ ތަށި ކާމިޔާބުކުރުމުގެ އަމާޒުގައެވެ.