ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ނެރުނު ސައްހަ ނޫން ކޯޓު އަމުރެއް ތަންފީޒު ކުރަން އުޅުނުކަމުގެ ތުހަމަތުގައި އެސިސްޓެންޓް ކޮމިސަނަރ އޮފް ޕޮލިސް އަލީ ރަޝީދާއި ދެކޮޅަށް ފުލުހުންގެ ޑިސިޕްލިނަރީ ކޮމެޓީއަށް ހުށަހެޅި މައްސަލަ ނުބަލަން ނިންމައިފިއެވެ.
ފުލުހުންގެ ޑިސިޕްލިނަރީ ކޮމެޓީން އަލީ ރަޝީދުގެ މައްސަލަ ނުބަލަން ނިންމީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ކޮމެޓީ ބައްދަލުވުމުގައެވެ.
ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި އިތުރު ބަޔަކާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރުމަށް ނެރުނު ކޯޓު އަމުރުފެ މައްސަލާގައި އަލީ ރަޝީދުގެ އިތުރުން އޭސީޕީ އަބްދުލް މައްނާނުގެ މައްސަލަ ވެސް ފުލުހުންގެ ޑިސިޕްލިނަރީ ކޮމެޓީން ވަނީ ބަލާފައެވެ. މިމައްސަލާގައި މަންނާނު އާއި ދެކޮޅަށް ހުށަހެޅި ހެކި އަލީ ރަޝީދާއި ދެކޮޅަށްވެސް ހުށަހެޅިއެވެ. ނަމަވެސް ކޮމެޓީން ވަނީ އެހެކި ބަލައި ނުގަނެ މައްސަލަ ކޮމެޓީން ބޭރުކޮށްލާފައެވެ.
އަލީ ރަޝީދުގެ މައްސަލަ ކޮމެޓީން ބޭރުކޮށްފައިވާ އިރު އެދުވަހުގެ ކޮމެޓީން ވަނީ އޭސީޕީ މަންނާނު ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށްވެސް ނިންމާފައެވެ.
މި މައްސަލަ ފުލުހުންގެ ޑިސިޕްލިނަރީ ކޮމެޓީން ބެލިއިރު ކޮމެޓީއަށްވެސް ވަނީ ބޮޑެތި ބަދަލު ގެނެސްފައެވެ. އެގޮތުން ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ ސުޕްރިޑެންޓަންޓް އޮފް ޕޮލިސް އަބްދުﷲ ޝަތީހު އާއި ސުޕްރިޑެންޓަންޓް އޮފް ޕޮލިސް މުހައްމަދު ރަޝީދު ބޯޑުން ވަކިކުރުމަށް ފަހު އެދެބޭފުޅުންގެ ބަދަލުގައި ފުލުހުންގެ ތަރުޖަމާނު އަދި ކޮމިޝަނަރ ބިއުރޯގެ ހެޑް ޗީފް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އާއި ޗީފް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު އައްޔަންކޮށްފައެވެ