ޤާނޫނު ތަންފީޒުކުރާ މުއައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާ ކުރީގެ ފިލްމީ ތަރި އަދި ޖުމްހޫރީ ޕާޓީގެ ވިމެންސް ވިންގުގެ ލީޑަރު ވަލީދާ ވަލީދުގެ މައްޗަށް ވެސް އުފުލައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ކަމަށްވާއިރު، ވަލީދާއަށް ދައުވާ ކޮށްފައިވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ނޭނގެއެވެ.
ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި ތަފާތު އެކި މުޒާހަރާތަކުގައި ވަލީދާ ވަނީ ބައިވެރިވެފަ އެވެ. އަދި އެ އެއްވުންތަކުން ވަލީދާ ވަނީ އެތައް ފަހަރު ހައްޔަރުކޮށް ހައްޔަރުކޮށް ދޫކޮށްލާފައެވެ.