Last Updated: August 25, 23:00
Tuesday, August 26, 2025
ޚަބަރު

އީއެލްސީން ސްކޮލަޝިޕް ފުރުސަތު ހުޅުވާލައިފި

އައްޑޫ ސިޓީގެ ހިތަދޫގައި ހިންގަމުން ގެންދާ އެވްރިވަންސް ލާނިން ސެންޓަރު (އީއެލްސީ) އިން "އިންގްލިޝް އެކްސެސް މައިކްރޯ ސްކޮލަޝިޕް" ގެ ނަމުގައި ސްކޮލަޝިޕުގެ ފުރުޞަތެއް ހުޅުވާލައިފި އެވެ.

މި ސްކޮލަޝިޕަކީ ޔޫއެސް ސްޓޭޓް ޑިޕާރޓްމަންޓްގެ އިންގްލިޝް އެކްސެސް މައިކްރޯ ސްކޮލަޝިޕް ޕްރޮގްރާމްގެ ދަށުން 16 އަހަރާ 20 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން 2 އަހަރުގެ މުއްދަތަށް އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

މި ސްކޮލާޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު 25 ކުދިންނަށް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށް އައްޑޫ ސިޓީގައި ގާއިމު ކުރެވިފައިވާ އެވްރިވަންސް ލާނިން ސެންޓަރުން ބުންޏެވެ.

އަންނަ މަހުގެ 1 ގައި ކިޔެވުން ފެށުމަށް ހަމަޖެހިފައިވާ މި ސްކޮލަޝިޕަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 29 އާ ހަމައަށް ވަނީ ހުޅުވާލެވިފަ އެވެ.

މިއީ އައްޑޫގެ ދަރިވަރުންނަށް ފަހިވެގެން ދިޔަ ވަރަށް ރަނގަޅު ފުރުޞަތެއް ކަމުގައި ފާހަގަ ކުރަމުން މިފަދަ ފުރުޞަތެއް އައްޑޫ ސިޓީގެ ކުދިންނަށް ހޯއްދަވައި ދެއްވި ކަމަށްޓަކައި އީއެލްސީގެ ވެރިންނަށް އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން ވަނީ ޝުކުރު ވެސް އަދާކޮށްފަ އެވެ.