Last Updated: May 5, 21:32
Sunday, May 5, 2024
ރިޕޯޓް

ޖަލުން ނުކުމެ ވެރިންނަށް؛ ވަރުގަދަ ސިޔާސީ ބޭފުޅުންތަކެއް

ރަސްގެފާނުގެ މައާފަށްފަހު ބުދަ ދުވަހު މެލޭޝިއާ ޖަލުން އަންވަރު އިބްރާހީމް މިނިވަންވުން ވެގެންދިޔައީ ބޮޑުވަޒީރުގެ މަގާމަށް ވާސިލްވުމަށް އެޅުނު މަގަކަށެވެ. ޖަލުން ނުކުމެގެން ވެރިކަމަށް އެރުމަކީ ދުނިޔޭގެ އެންމެ ވަރުގަދަ ސިޔާސީ ބޭފުޅުންވެސް ކޮށްފައިވާ ކަމެކެވެ.

މީގެ 20 އަހަރު ކުރިން، މަހާތިރް މުހައްމަދު ބޮޑުވަޒީރަކަށް ހުންނަވަނިކޮށް، އަންވަރު ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ ލިވާތުކުރިމުގެ ތުހުމަތުގައެވެ. އެއީ ސިޔާސީ މައިދާނުން އަންވަރު އެކަހެރިކޮށްލުމަށް ކޮށްފައިވާ ތުހުމަތެއް ކަމަށް އޭނައަށް ތާއީދުކުރާމީހުން ވަނީ ބުނެފައެވެ.

ރިޓަޔަރމަންޓުން ނުކުމެ ނާޖިބް ރަޒަކް ބަލިކުރައްވާ، މިހާރު 92 ވެފައިވާ ،މަހާތިރުގެ ދައުރު ނިމުމަށްފަހު ބޮޑުވަޒީރުކަން ކުރައްވާނެކަމަށް އެންމެންވެސް ބުނަމުންގެންދާ މީހަކީ އަންވަރު އިބްރާހީމެވެ.

ތިރީގައިމިވަނީ ޖަލުން ނުކުތްގޮތަށް އިންގިލާބެއް ގެންނެވި 5 ސިޔާސީ ބޭފުޅުންނެވެ.

ނެލްސަން މަންޑޭލާ

"އެބައެއްގެ މިނިވަންކަން ހޯދަން ގަދައަޅާ މަސައްކަތް ކުރާ ބަޔަކު ހުއްޓުވޭނެވަރުގެ ބާރެއް މިދުނިޔެމަތީގައި ނުވެއެވެ." 1961 ވަނަ އަހަރު ނެލްސަން މަންޑޭލާ ބުނެފައިވެއެވެ. މަންޑޭލާ ވަނީ ޖެހިގެން އައި އަހަރު ކަޅުނަސްލުގެ މީހުންގެ ހައްގުތަކަށް މަސައްކަތްކުރިއިރު ހަތިޔާރުބޭނުންކުރިކަމުގެ ތުހުމަތުގައި ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. ރޮބެން އައިލެންޑް ޕެނިޓެންޝަރީގައި 27 އަހަރު ހޭދަކުރިއިރު މަންޑޭލާ ވަނީ އިނދިކޮޅު ސިޔާސީ ފަރާތްތަކުގެތެރެއިން އެންމެ މަގްބޫލުމީހާއަށްވެފައެވެ.

1990 ވަނަ އަހަރު ޖަލުން މިނިވަންވުމަށްފަހު 4 އަހަރު ފަހުން މަންޑޭލާ ވަނީ 75 އަހަރުގައި ސައުތް އެފްރިކާގެ އެންމެ ފުރަތަމަ ހުރިހާ ނަސްލުތަކަށް ބައިވެރިވެވުނު އިންތިހާބުން މޮޅުވެ ރައީސްކަމަށް އައިއްސައެވެ.

އައުން ސާން ސޫކީ

ޖެނެރަލް އައުން ސަންގެ ދަރިކަނބަލުން އައުން ސާން ސޫކީގެ ޒުވާން ދުވަސްވަރު ހޭދަކުރީ އޮކްސްފޯޑްގައެވެ. އައުން ސާން ސޫކީގެ މަންމަ ވަރަށް ބޮޑަށް ބަލިވެއުޅޭތީ 1988 ވަނަ އަހަރު އޭނާ ރަންގޫންއަށް އެނބުރިދިޔައެވެ. މިލިޓަރީ ދައުލަތާއި ދެކޮޅަށް ބަގާވާތްކުރަން މަސައްކަތްކޮށް އެކަންނުވުމުން 15 އަހަރު ހޭދަކުރަންޖެހުނީ ގޭބަންދުގައެވެ.
2015 ވަނަ އަހަރުގެ އިންތިހާބުގައި މޮޅުވުމަށްފަހު ޑިމޮކްރަސީގެ ބަތަލެއްގެ ލަގަބު އައުން ސާން ސޫކީއަށް ލިބިފައިވެއެވެ. ނަމަވެސް އަސްކަރީބާރުތައް ބޭނުންކޮށްގެން މިޔަންމާގެ ރޮހިންގާ މީހުން ގެތަކުން ފައްސާލައި އެބައިމީހުންގެ ބިންތަކަށް ވެރިވެގަންނަން ފެށުމުން ޔުނައިޓެޑް ނޭޝަންސްއިން ވަނީ އެކަން ކުއްވެރިކޮށް ނަސްލެއް ފޮހެލަން މަސައްކަތްކުރާކަމުގެ ތުހުމަތު އައުން ސާން ސޫކީއަށް ކޮށްފައެވެ.

ޖަވާހަލަލް ނެރު

ޖަވާހަލަލް ނެރު އެންމެ ފުރަތަމަ ޖަލަށް ލީ 1921 ވަނަ އަހަރުގައި އިނގިރޭސީންގެ އަތްދަށުގައި އިންޑިއާ އޮތް އިރު ޕްރިންސް އޮފް ވޭލްސް ކުރި ޒިޔާރަތުގައި އޮތް ޓުއަރ އެއް ބޮއިކޮޓްކުރުމަށް ގޮވާލުމުންނެވެ. ޖަލަށްލުމުން އޭނާ އެކަން ސިފަކޮށްފައިވަނީ "އެންމެ ބޮޑު އުފާ" ކަމުގައެވެ. އެއީ އިނގިރޭސީންގެ ކޮލޯނިއަލް ވެރިކަމަށް އިނދިކޮޅުހަދާކަން އާނމުންނަށް އެންގުމުންނެވެ.

ޖަވާހަލަލް ނެރު ވަނީ އެކި ތުހުމަތުތަކުގައި ގާތްގަނޑަކަށް 10 އަހަރު ޖަލުގައި ހޭދަކޮށްފައެވެ. އެންމެ ގިނައިން ޖަލަށްލާފައިވަނީ މަހާތްމާ ގާންދީ އާއި އެކު މަދަނީ ބަސްނޭހުމުގައި ބައިވެރިވުމުގެ ސަބަބުން ގާންދީ އާއި އެކުގައެވެ.
އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރުގެ މަގާމަށް 1947 ވަނަ އަހަރު ޖަވާހަލަލް ނެރު އިންތިހާބުވުމަށްފަހު 17 އަހަރު ވަންދެންވަނީ ވެރިކަން ކުރައްވާފައެވެ. ނެރު ވަނީ ގާންދީ-ނެރު އާއިލާއަށް އިންޑިއާގެ ސިޔާސީ މައިދާނުގައި ފައިހިއްޕޭނެ މަގު ފަހިކޮށްދީފައެވެ.

ވަސްލަވް ހާވެލް

ޕްލޭރައިޓްއެއް ގޮތުގައި އަދި ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅުހެދި ޒުވާނެއްގެ ގޮތުން މަޝްހޫރުވެފައިވާ ހާވެލް އަކީ ޗެކޮސްލޯވޭކިޔާގެ 1968 ވަނަ އަހަރު ފެއިލްވި ބަގާވާތުން ފެށިގެން ސިޔާސީ ހަރަކާތްތަކުގައި އުޅުނު މީހެކެވެ. ހާވެލް އަކީ ތިއޭޓަރ ތަކުން ބްލެކްލިސްޓުކޮށް ޖަލުގައި އެތައް ސްޓަންޓެއް ޖައްސާފައިވާ މީހެކެވެ. ކޮމިއުނިސްޓް ދައުލަތް ދުއްވާލި "ވެލްވެޓް ރިވޮލިއުޝަން" ގެ ފަހުން ރައީސްކަމަށް އެރުމަށްފަހު އެންމެ ފުރަތަމަ ކުރި ކަމެއްގެ ގޮތުން ފްރޭންކް ޒައްޕާ އާއި ދަ ރޯލިންގް ސްޓޯން ޕްރޭގް އަށް ގެނެސް ޝޯއެއް ބޭއްވިއެވެ. މިއީ ކޮމިއުނިސްޓް ދައުލަތުން ކުރިން މަނާކޮށްފައިވާ ކަމެކެވެ.

މިޝެލް ބަޗެލެ

ޗިލީގެ ފުރަތަމަ އަންހެން ރައީސާގެ މަގާމު އަދާކުރި މިޝެލް ބަޗެލެ ސިޔާސީ މައިދާނަށް ނުކުތީ އޭނަގެ ބައްޕަ މަރުވުމުންނެވެ. ބްރިގޭޑިއަރ ޖެނެރަލް އަލްބާޓޯ ބަޗެލެ މާޓިނެޒް މަރުވީ ޖަލުގައި ބަންދުކޮށް އަނިޔާކުރުމުން ޖެހުނު ހާޓް އެޓޭކެއްގެ ސަބަބުންނެވެ. އަލްބާޓޯ ޖަލުގައި ބަންދުކުރީ 1973 ގައި ހިނގައިދިޔަ މިލިޓަރީ ބަގާވަތަށް ދެކޮޅުހެދުމުންނެވެ.
ސިޔާސީ ސަބަބުތަކާއިހުރެ މިޝެލް ހައްޔަރުކޮށް އޭނައަށް އަނިޔާކޮށްފައިވެއެވެ. މިހެން ކަންދިމާވުމުން، މިޝެލް ވަނީ ގައުމުން ފިލައިގެން ގޮސް އޮސްޓްރޭލިއާއަށް އަމިއްލައަށް އަރުވާލެވިފައެވެ. އެނބުރި ޗިލީއަށް އައީ 2006 ގެ އިންތިހާބާ ދިމާކޮށް ޗިލީގައި ޑިމޮކްރަސީ އިޔާދަކުރާށެވެ. 2006 ގެ އިންތިހާބަށްފަހު މިޝެލް ވަނީ ޖެހިޖެހިގެން 2 ދައުރު ފުރިހަމަކޮށްފައެވެ.