Last Updated: April 18, 10:54
Thursday, April 18, 2024
ޚަބަރު

މަތިންދާބޯޓެއް ވެއްޓި 100 އަށް ވުރެ ގިނަ މަރު

ބޯޓު ވެއްޓުނު ސަރަހައްދުގައި މީހުން ހަރަކާތްތެރިވަނީ: ފޮޓޯ - ގެޓީ

ކިއުބާގެ ހޯސޭ މާޓީ އިންޓަނޭޝަނަލް އެއާޕޯޓުން ހުކުރު ދުވަހު ނެއްޓި ބޯޓެއް މަތީގައި މާ ގިނައިރުތަކެއް ނުވެ ވެއްޓި، ދަތުރުކުރި 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

ތިން އަންހެން ފަސެންޖަރުން ސީރިއަސް ހާލަތުގައި ބޯޓުން ސަލާމަތްކޮށް، ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ގަޑިއިރެއް ފަހުން ތިން މީހުން ވެސް މަރުވެފައިވާ ކަމަށް ސީއެންއެން އިން ރިޕޯޓުކޮށްފައިވެއެވެ.

ބޯޓަށް 105 މީހުން ކިއުބާގެ އުތުރު ރަށެއް ކަމަށްވާ ހޮލްގުއިން އަށް ދަތުރުކުރުމަށް އަރާފައިވެއެވެ. އޭގެ ތެރޭގައި 100 މީހުންނަކީ ކިއުބާގެ ރައްޔިތުންނެވެ. އަނެއް 5 ދަތުރުވެރިންގެ ތެރެއިން 2 މީހުންނަކީ އާޖެންޓީނާގެ ރައްޔިތުން ކަމަށް އެގައުމުން ހާމަކޮށްފައިވެއެވެ.

ވެއްޓިފައިވާ މެކްސިކޯ އެއާލައިނަކަށް ނިސްބަތްވާ ބޮއެންގް 200-737 ބޯޓަކީ 39 އަހަރު ވަންދެން ދަތުރުކުރި ބޯޓެކެވެ. ސިވިލް އޭވިއޭޝަނުން ބޯޓު ވެއްޓެން މެދުވެރިވި ސަބަބު ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު ބޯޓު ވެއްޓުނީ އެއާޕޯޓާ ހަ މޭލު ދުރަށް ދެވުނު ތަނާއެވެ.