އަންނަ ރިޔާސީ އިންތިހާބްގައި އެމްޑީޕީގެ ފަރާތުން ނިކުންނަ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފޯމު ހުށަހަޅުއްވައިފިއެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރެއްވި މައްސަލާގައި ޓެރަރިޒަމް ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ނަޝީދުގެ ފަރާތުން ފޯމު އެމްޑީޕީގެ އޮފީހަށް ހުށަހެޅުއްވީ، އެމަނިކުފާންގެ ކެމްޕެއިން މެނޭޖަރ ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުހައްމަދު އަސްލަމްއެވެ.
އެމްޑީޕީގެ ފަރާތުން ފޯމާއި ހަވާލުވެވަޑައިގެންނެވީ ޕާޓީގެ ޗެއާޕާސަން ހަސަން ލަޠީފުއެވެ.
އެމްޑީޕީގެ ޕްރައިމަރީ މިމަހުގެ 30 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އިރު ޕާޓީގެ އެތެރޭގެ ޕްރައިމަރީއަށް ކުރިމަތި ލައްވާފައިވަނީ ނަޝީދު އެކަންޏެވެ. ނަޝީދު ގެންދަވަނީ "ޖަޒީރާ ރައީސް"ގެ ނަމުގައި ކެމްޕެއިން ލޯންޗު ކުރައްވައި، ރާއްޖެއިން ބޭރުގައި ހުންނަވައިގެން ސްކައިޕް މެދުވެރިކޮށް ކެމްޕެއިން ކުރައްވަމުންނެވެ.
އަންނަ ސެޕްޓެމްބަރ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ސިޔާސީ ޕާޓީތަކުން ނެރޭނީ އެއް ކެންޑިޑޭޓް ކަމަށް އިއްލާން ކޮށްފައިވާ އިރު އެމްޑީޕީ ފިޔަވައި އެހެން ޕާޓީއަކުން އަދި ޕްރައިމަރީ ބާއްވަން ނުނިންމައެވެ.
ނަޝީދު ޕްރައިމަރީގައި ވާދަ ކުރައްވާއިރު އެމަނިކުފާންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމާއި ގުޅިގެން މިހާރު ގާނޫނު އޮތް ގޮތުން ވާދައެއް ނުކުރެވޭނެއެވެ. ނަމަވެސް ނަޝީދު ވިދާޅުވީ ފަހު ވަގުތު އެކަން ހަމަޖެހިގެންދާނެ ކަމަށެވެ.