ރާއްޖޭގައި މޮބައިލް ފޯން ބޭނުން ކުރާ މީހުންގެ ނިސްބަތް ރެކޯޑް މިންވަރަކަށް އިތުރުވަމުން ދާކަމަށް ޓެލެކޮމިއުނިކޭޝަނާ ބެހޭ ހަބަރުތައް ގެނެސްދޭ މަޝްހޫރު ޓެލެކޮމް ޕޭޕަ އިން ބުނެފި އެވެ.
ޓެލެކޮމް އޮތޯރިޓީ އޮފް މޯލްޑިވްސް(ޓޭމް) ގެ ތަފާސް ހިސާބުގެ މައްޗަށް ބިނާކޮށް ޓެލެކޮމް ޕޭޕަ އިން އާންމު ކުރި 2012 ގެ ނޮވެމްބަރު މަސް ނިމިގެން ދިޔަ އިރު، ރާއްޖޭގައި މޮބައިލް ފޯން ސަބްސްކްރައިބަރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ އަދަދު ފަ 550،000 ގާތް ކުރެ އެވެ.
ޓެލެކޮމް ޕޭޕައިން ބުނީ ރާއްޖޭގައި މޮބައިލް ފޯން ބޭނުން ކުރާ އަދަދު 549،418 އުޅޭ އިރު، މީގެ ތެރެއިން 478،187 ކަސްޓަމަރުންނަކީ ޕްރިޕެއިޑް ކަސްޓަމަރުން ކަމަށެވެ. އަދި މީގެ ތެރެއިން 71،231 ކަސްޓަމަރުންނަކީ ޕޯސްޓްޕެއިޑް ކަސްޓަމަރުން ކަމަށް ވެސް ޓެލެކޮމް ޕޭޕަ އިން ބުނެފައި ވެ އެވެ.
ޓެލެކޮމް ޕޭޕައިން އިތުރަށް ބުނެފައި ވަނީ މިއަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާ އިރު، ނޮވެމްބަރު މަހު ރާއްޖޭގައި މޮބައިލް ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ހޯދާ ކަސްޓަމަރުންގެ އަދަދުވެސް ރެކޯޑް މިންވަރަކަށް އިތުރުވެފައިވާ ކަމަށެވެ.
އެގޮތުން ނޮވެމްބަރު މަސް ނިމުނު އިރު، މޮބައިލް ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ހޯދާ ކަސްޓަމަރުންގެ އަދަދު 83،00 އަށް ވުރެ މައްޗަށް އަރާކަމަށް ޓެލެކޮމް ޕޭޕަ އިން ބުނެފަައި ވެ އެވެ.