މިމަހުގެ 30 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޯމް އެމްޑީޕީގެ އޮފީހަށް ހުށަހެޅުއްވި އިރު ތާއިދު ފޯމުގެ ގޮތުގަިއ 7739 މީހުންގެ ސޮޔާއި އެކު ފޯމު ހުށަހަޅުއްވައިފިއެވެ.
ނަޝީދަށް ތާއިދު ކުރައްވައި ގިނަ ބަޔަކު ސޮއި ކުރެއްވި އިރު ނަޝީދު ގެންދަވަނީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ނަޝީގެ ފޯމު އެމްޑީޕީގެ އޮފީހާއި ހަވާލު ކުރެއްވުމަށްފަހު ނޫސް ވެރިންނާއި ބައްދަލުކުރައްވަމުން ނަޝީދުގެ ކެމްޕެއިން މެނޭޖަރ ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުހައްމަދު އަސްލަމް ވިދާޅުވީ ޕާޓީގެ ގަވާއިދުގައި ތާއިދު ފޯމުގެ ގޮތުގައި 700 މީހުންގެ ސޮއި ހުށަހަޅުއްވަން އޮތް ނަމަވެސް މިއަދު ފޯމު ހުށަހެޅުއްވީ 7739 މީހުންގެ ސޮޔާއި އެކު ކަމަށެވެ.
އަސްލަމް ވިދާޅުވީ މިއީ ޕާޓީ މެމްބަރުންގެ 10 އިން ސައްތަ އަށް ވުރެ ގިނަ އަދަދެއް ކަމަށާއި، މިކަމުން ދޭހަކޮށްދެނީ ނަޝީދަށް މިފަހަރުގެ ޕްރައިމަރީގައި ބައިލައްކަ މީހުން ވޯޓު ދެއްވަން ނިކުންނަވާނެކަމަށެވެ.
އަސްލަމްވަނީ ކުރު މުއްދަތެއްގެ ތެރޭގައި ތާއިދު ފޯމުގައި ސޮއި ކުރައްވަން ދާއިރާތަކުގެ ރައީސުންނާއި އެމްޑީޕީ އެކްޓިވިސްޓިން ކުރެއްވި މަސައްކަތަށް ޝުކުރު ދަންނަވައި ހިތްވަރު ދެއްވާފައެވެ.
އެމްޑީޕީގެ ޕްރައިމަރީ މިމަހުގެ 30 ވަނަ ދުވަހު ބާއްވާއިރު ނަޝީދު އާއި ވާދަކުރައްވަން އިތުރު ބޭފުޅަކު ޕްރައިމަރީއަށް ކުރިމަތި ނުލައްވައެވެ.