Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

އައްޑޫ މެރެތަނަށް ރަޖިސްޓްރީވެވޭނީ މިއަދާ ހަމައަށް

"އައިރަނާސް" އިން އިންތިޒާމުކޮށްގެ ބާއްވާ އައްޑޫ މެރެތަންގައި ހުރިހާ އުމުރުފުރާއެއް ހިމެނޭ ގޮތަށް ޖުމްލަ 7 އިވެންޓެއް ހިމެނެއެވެ.

އެއީ މެރެތަން، ހާފް މެރެތަން، 10ކިލޯމީޓަރ، 5ކިލޯމީޓަރ، ކިޑްސްމައިލް 3.2ކިލާމީޓަރ، ކިޑްސްމައިލް 1.6ކިލޯމީޓަރ، އަދި އުމުރުން ދުވަސްވީ ބޭފުޅުންނަށް ހާއްސަ ކޮށްގެން ކުރިއަށްގެންދާ ސީނިއަރސް ޕަވާރ ވޯކް 3.2 ކިލޯމީޓަރެވެ. މީގެ އިތުރުން އުމުރުން 5 އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަ ކޮށްގެން ވަކި އިވެންޓެއް ބޭއްވުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށްވެސް އައިރަނާސްގެ ފަރާތުން ވިދާޅުވިއެވެ.

އައްޑޫ މެރެތަންގައި ހިމެނޭ މެރެތަން، ހާފް މެރެތަން، 10 ކިލޯމީޓަރ އަދި 5 ކިލޯމީޓަރ ދުވުމަށްވަނީ ޖުމްލަ 108000ރުފިޔާގެ ފައިސާގެ އިނާމް ހުށަހެޅިފައެވެ. އަދި ބާކީ ހުރި އިވެންޓްތަކަށްވެސް ހާއްސަ އިނާމުތަކެއް ހުށަހެޅިގެންދާނެކަމަށް އައިރަނާސް އިން ހާމަކުރެވެއެވެ.

އައްޑޫ މެރެތަންގެ ރަޖިސްްޓްރޭޝަން ފީގެ ގޮތުގައި ލިބޭ ފައިސާގެ 10އިންސައްތަ، ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްއަށް ހަދިޔާ ކުރާގޮތަށް ވަނީ ނިންމާފައެވެ. މިގޮތުން ހަދިޔާ ކުރެވޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްގެ 2 ޕްރޮގްރާމަކަށް ފަންޑު ކުރުމުގެ ގޮތުންނެވެ. އެއީ ހިތުގެ ސާޖަރީއަށް ބޭނުންވެފައިވާ ކުދިންނަށް އެހީވުމަށް ކުރިއަށްގެންދާ "ސޭވް އަ ޓައިނީ ހާރޓް" ޕްރޮގްރާމާއި، ހިތުގެ ބަލިތަކާއި ގުޅޭގޮތުން ހޭލުންތެރިކަން އުފެއްުމަށް ކުރިއަށްގެންދާ "ހެލްތީ ހާރޓް ޕްރޮގްރާމް" އަށެވެ.

މިހާތަނަށް މިއިވެންޓްގައި ޖުމްލަ 5 ގައުމެއްގެ ދުވުންތެރިންވަނީ ބައިވެރިވެފައެވެ. އެގޮތުން 2017 ވަނައަހަރުގެ ދުނިޔޭގެ މެރެތަން ޗެމްޕިއަން މައިކަލް ވާޑިއަން އޭނާގެ އާއިލާއާއި އެކު މިއިވެންޓްގައި ބައިވެރިވާ ގޮތަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދިގު ދުވުމުން ރާއްޖޭގެ ރިކޯޑް މިވަގުތު އޮތް އަންހެން ދުވުންތެރިޔާ މަރިޔަމް އަބްދުލް ކަރީމް އަދި ރާއްޖޭގެ "އަލްޓްރަރ ރަނަރ" އަހްމަދު އާތިފް ވެސް އައްޑޫ މެރެތެންގައި ދުވާނެކަމަށް އައިރަނާސްއިން ހާމަކުރެއެވެ.

ޖޫން 29 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އައްޑޫ މެރެތަންގެ އެކްސްޕޯ ކުރިއަށްދާނީ ޖޫން 27 އަދި 28 ވަނަދުވަހު އިކުއެޓަރ ވިލެޖްގައެވެ. އެކްސްޕޯގައި ރޭސްކިޓް ދޫކުރުމަށް ހަމަޖެހިފައިވާއިރު އެތަނުގައި ކެފޭ އަކާއި، ދުވުމަށް ބޭނުންވާ އާލާތްތަކާއި އަދި ރާއްޖެއާއި ގުޅުންހުރި ސުވެނިއަރ ބައްލަވައިގަންނަން ލިބެން ހުންނާނެކަމަށް އައިރަނާސް އިން ވިދާޅުވެއެވެ. ދުވުމުގައި ބައިވެރިވާ ހުރިހާ ބޭފުޅުންވެސް ފުރަތަމަ ދުވަހު އެކްސްޕޯގައި ބައިވެރިވެ، ރޭހުގެ ކުރިން ޖެހިގެން އަންނަ ދުވަހަކީ ހުރިހާ ދުވުންތެރިންވެސް އަރާމު ކުރުމަށް ބޭނުންކުރާ ދުވަހެއްކަމަށް ހެއްދެވުމަށް އައިރަނާސް އިން އެދިލައްވައެވެ.

ދުވުމުގެ އިވެންޓަށްފަހު ޖޫން 29ވަނަ ދުވަހުގެރޭ އިކުއެޓަރ ވިލެޖްގައި "މެޑަލް ޕާރޓީ" ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ޕާޓީގައި ބައިވެރިވުމުގެ ޓިކެޓް އެކްސްޕޯރ ކުރިއަށްދާގަޑީގައި ލިބެން ހުންނާނެކަމަށް އައިރަނާސް އިން ވިދާޅުވެއެވެ.

އައްޑޫ މެރެތަންއަށް ރެޖިސްޓަރ ވުމުގެ ފުރުސަތު ރާއްޖެ ގަޑިން މިރޭ 22:00 ގައި ހަމަވެގެންދާނެއެވެ. އޮންލައިންކޮށް ރެޖިސްޓަރ ވުމަށް addumarathon.com/register އަށް ވަޑައިގަތުމުން ރަޖިސްޓްރޭޝަން ކަންތައް ކުރިއަށް ގެންދެވޭނެއެވެ. ރަޖިސްޓްރޭޝަންއާއި ބެހޭ އިތުރު މައުލޫމާތު 7994487 އާއި ގުޅުމުން އަދި ވައިބަރ މެދުވެރިކޮށްވެސް ލިބިވަޑައިގަންނަވާނެއެވެ.