Last Updated: April 25, 18:10
Thursday, April 25, 2024
ޚަބަރު

ސަމީރުގެ ދަރުހަށް އަތޮޅު މަދަރަސާގެ ހޯލު ނުދިން

އައްޝައިހް އަހުމަދު ސަމީރު، ފޮޓޯ: ސަން

ޖަމިއްޔަތުއް ސަލަފް އާއި ހުޅުމީދޫ ހިލާލު ޖަމިއްޔާ ގުޅިގެން ހުޅުމީދޫގައި ބާއްވަން ނިންމި "ހަޔާތުގެ މަގްސަދު" ދަރުސް މޫސުމް ގޯސްވުމުގެ ސަބަބުން ކެންސަލް ކުރުމަށްފަހު މިއަދު ސ. އަތޮޅު މަދަރަސާގެ ހޯލުގައި ބާއްވަން ހޯލު ހޯދުމަށް އެދުމުން އެޑިއުކޭޝަން މިނިސްޓްރީން ހޯލު ދޫކުރުމަށް ދެކޮޅު ހަދައިފިއެވެ.

"އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި ދަރުސް އިންތިޒާމް ކުރި ޖަމިއްޔާގެ ފަރާތުން ދަރުސް ބޭއްވުމަށް ސްކޫލް ހޯލު ހޯދުމަށް މިނިސްޓްރީގަިއ އެދުމުން މިނިސްޓްރީން ހުއްދަ ނުދިނުމުގެ ސަބަބުން ދަރުސް ވަނީ ކެންސަލް ކޮށްފައެވެ.

ޖަމިއްޔަތު ސަލަފްގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އަހުމަދު ސަމީރު ދެއްވަން ހަމަޖެއްސި ދަރުސް ފުރަތަމަ ބާއްވަން ނިންމީ ހުކުރު ދުވަހުގެ ރޭ ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ ދަނޑުގައެވެ. ނަމަވެސް އެރޭ ދަރުސް ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މޫސުމް ގޯސްވުމުގެ ސަބަބުން ދަރުސް ވަނީ ކެންސަލްކޮށް މިއަދު ބާއްވަން މަސައްކަތްކޮށްފައެވެ.

ދަރުސް ބާއްވަން ސްކޫލް ހޯލު ހަމަނުޖެހުމާއި ގުޅިގެން ހިލާލު ޖަމިއްޔާގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެެވެ. އެޖަމިއްޔާގެ އިސް އޮފިޝަލަކު ވިދާޅުވީ މި ބަރަަކާތްތެރި ރަމަޟާން މަހު ބާއްވަން ނިންމި ދަރުސްއަށް މިނިސްޓްރީގެ ފަރާތުން ފުރުސަތު ނުދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

މިކަމާއި ގުޅިގެން ޝެއިހް އަލީ ޒާހިރު ބިން ސައީދު ވިދާޅުވީ ދަރުސް ބޭއްވުމަށް ސްކޫލް ނުލިބުމަކީ ނިހާޔަތަށް ހިތާމަ ކުރާ ކަމެއް ކަމަށެވެ. އަދި ސްކޫލް ތަކަކީ މިފަދަ ހެޔޮ ކަންކަމަށް ހުޅުވާލެވިފައިވާ ތަންތަނަށް ވާން ޖެހޭނެކަމަށެވެ.