Last Updated: June 10, 20:48
Wednesday, June 10, 2026
ވިޔަފާރި

އިސްމެހެލާހެރަ އާ އެކު ތިން ރަށެއް ބިޑަށް

އިސްމެހެލާހެރަ: މި ރަށް ތަރައްްގީ ކުރުމަށް ބިޑަށް ވަނީ ހުޅުވާލާފައި. ފޮޓޯ/ އަހުމަދު އަޔާޒް

ސ. އިސްމެހެލާހެރަ އާ އެކު ޓޫރިސްޓް ރިސޯޓްގެ ގޮތުގައި ތިން ރަށެއް ހިންގަން ޝައުގުވެރިވާ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން ބިޑަށް ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ރިސޯޓް ތަރައްގީ ކުރަން އަލަށް ހުޅުވާލާފައި ވަނީ އިސްމައިލާހެރައިގެ އިތުރުން ރ. އުފުލަންދު އާއި ސުނާމީގައި ވީރާނާވެ މީހުން ބަދަލުކުރި މ. މަޑިފުއްޓާއި ގއ. ކެރައްދޫ އެވެ.

މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ރިސޯޓް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްކުން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދެއްކުމުގެ މާލީ ގާބިލްކަން ހުންނަން ޖެހޭނެ ކަމަށެވެ. އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު އިއުލާން ކުރާނީ ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލާ އިރު ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އަދި ބުނީ އެ ރަށްތައް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް އަންމަ މަހުގެ ދެވަނަ ދުވަހު މެންދުރު 2:00 ގައި އެ މިނިސްޓްރީގައި ބައްދަލުވުމެއް އޮންނާނެ ކަމަށެވެ.
އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަން ޖެހޭނީ އަންނަ މަހުގެ 16 ވަނަ ދުވަހު ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.