Last Updated: April 26, 15:47
Friday, April 26, 2024
ދުނިޔެ

މުސްލިމުންނަށް ގަދަކަމުން ރާ ދީ، އޫރުމަސް ކާންދެނީ

ޗައިނާގެ މުސްލިމުން އިސްލާމްދީނާއި ދުރުކޮށް ޗައިނާއިން އިސްލާމްދީން ފޮހެލުމަށް ޗައިނާގެ ސަރުކާރުން މުސްލިމުން ހިފާ ހައްޔަރުކޮށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާ ކޭމްޕްތަކުގައި މުސްލިމުންނަށް ގަދަކަމުން އޫރުމަސްކާންދީ ރޯ ބޯން ދީފިއެވެ.

މިކަން މީޑިއާތަކަށް ހާމަކޮށްފައިވަނީ ކުރީގައި މި ކޭޕްތަކުގައި ގައިދީންގެ ގޮތުގައި ގެންގުޅެފައިވާ ބައެއެމީހުން މިނިވަންވުމަށް ފަހުގައެވެ.

ޗައިނާގެ ސަރުކާރުން ފުޅާ ދާއިރާއްގައި ކުރިއަށްގެންދާ މިކޭމްޕްގައި ހައްޔަރުކޮށްގެން ގެންގުޅުނު އޮމިރް ބެކާލީ ނަމަކަށް ކިޔާ މުސްލިމަކު މިނިވަންވުމަށްފަހު ބުނި ގޮތުގައި މިކޭމްޕްގައި އޭނާ ކުއްވެރިއެއް ގޮތުގައި ހައްޔަރުކޮށް އެއްވެސް ތަހުގީގެއް ކުރިއަށްނުގެންގޮސް އަދި ގާނޫނީ ވަކީލަކުގެ އެހީ ހޯދުމުގެ ފުރުސަތުވެސް ދީފައި ނުވާކަމަށެވެ. އަދި ގަދަކަމުން ކަރަށް ރާއަޅައި ބޯންދީ ގަދަކަމުން އޫރުމަސްވެސް ކާންދީފައިވާ ކަމަށް ބެކާލީ ބުންޏެވެ.

އޫރުމަސް ކެއުމަށާއި ރާބުއިމަށް ދެކޮޅު ހެދުމުން އަދަބެއްގެ ގޮތުން ފާރެއްގައި ލައްގާ ދެއަތް މައްޗަށް ނަގާފައި ފަސް ގަޑިއިރު ބެހެއްޓުމަށްފަހު އެކަހެރި ތަނެއްގައި ބަންދުކޮށް ކާން ނުދީ 24 ގަޑިއިރު ބެހެއްޓި ކަމަށް އޭނާ ބުންޏެވެ. ބެކާލީ ބުނީ މިއަނިޔާތައް ވިއްސަކަށް ދުވަހު ތަހައްމަލު ކުރަމަށްފަހު ކެއްނުކުރެވިގެން އަމިއްލައަށް މަރުވާންވެސް ހިތަށްއެރިކަމަށެވެ. ބެކާލީ މިކޭމްޕުން ސަލާމަތްވީ 7މަސް ދުވަހު މިއަނިޔާތަށް ތަހައްމަލު ކުރުމަށްފަހުގައެވެ.

ބެކާލީ ކިޔައިދިންގޮތުގައި މައިގަނޑުގޮތެއްގައި މިކޭމްޕްތަކުގައި ކުރާ ކަމަކީ މުސްލިމުން އިސްލާމް ދީނާ ދުރުކުރުމާއި، ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް މުސްލިމުންގެ ފިކުރު އަނބުރާލުމެވެ. އަދި އިސްލާމްދީނަށް އަމިއްލަށް ފުރައްސާރަ ކުރުމަށް މަޖުބޫރުކޮށް އެއްޗެހި ކިޔުވައި އަމިއްލަ އިމާންތެރިކަމަށް މަލާމަތްކުރުވި ކަމަށްވެސް އޭނާ ބުންޏެވެ.

ޒިންޖިއަންގެ ކަމާއިބެހޭ އިދާރާ ތަކުން ހާމަކުރާގޮތުގައި މިދިޔައަހަރު ފެށި މިކޭމްޕްތަކުގައި މިލިއަނަކަށްވުރެ ގިނަ މުސްލިމުން ވަނީ ހައްޔަރުކޮށްފައެވެ.

ޔޫއެސް ކޮމިޝަން އިން ބުނެފައިވަނީ ޗައިނާ ސަރުކާރުން ޒިންޖިއަންގް ގައި ހިންގާ ލާ އިންސާނީ މި ކޭމްޕަކީ މައިނޯރިޓީ އަކަށް އަމާޒުކޮށް ދުނިޔޭގައި ހިންގާ މިފަދަ އެންމެ ބޮޑު ކޭމްޕެވެ. މިއީ ސީދާ ވަކި ސަގާފަތެއް ފުހެލުމަށް އަމާޒު ކޮށްގެން ހިންގާ ލާއިންސާނީ ހަރަކާތެއް ކަމަށްވެސް އެ ކޮމިޝަނުންވަނީ ހާމަކޮށްފައި ވެއެވެ.

"ރީ އެޑިއުކޭޝަން" ގެ ނަމުގައި އިސްލާމް ދީން އެގައުމުން ނައްތާލުމަށް ހިންގާ މި ކޭމްޕްގައި ހިންގާ ލާ އިންސާނީ އަނިޔާތަކާ ބެހޭ ގޮތުން އެސޯސިއޭޓެޑް ޕްރެސް އިން ޗައިނާ ސަރުކާރާ ސުވާލު ކުރުމުން އެފަދަ ކަމެއް ހިނގަމުންދާކަން އެނގިފައިނުވާކަމަށް ޗައިނާ ސަރުކާރުން ބުނެފައިވާ ކަމަށް އެސޯސިއޭޓެޓް ޕްރެސްގައި ރިޕޯޓް ކޮށްފައިވެއެވެ.