Last Updated: April 18, 22:36
Friday, April 19, 2024
މުނިފޫހިފިލުވުން

ސަލްމާނާ ވާދަ ކުރާކަށް ނޫޅެން: ކަރަން

ހަތަރު ޑައިރެކްޓަރެއްގެ ހަތަރު ސެގްމަންޓް ހިމެނޭ އެންތޮލޮޖީ ފިލްމް "ލަސްޓް ސްޓޯރީޒް" އަންނަ މަހުގެ 15 ގައި ގެނެސް ދޭން ނިންމީ އެއްގޮތަކަށް ވެސް ސަލްމާން ހާންގެ ފިލްމް "ރޭސް 3" އާ ވާދަ ކުރަން ނޫން ކަމަށް ކަރަން ޖޯހަރް ބުނެފި އެވެ.

ކަރަންއަކީ "ލަސްޓް ސްޓޯރީ" ގެ އެއް ޑައިރެކްޓަރެވެ. އެ ފިލްމްގެ ސެގްމަންޓްތައް ދެން ޑައިރެކްޓްކޮށްފައި ވަނީ ޒޯޔާ އަހްތަރާއި އަނޫރާގް ކެޝަޕްގެ އިތުރުން ދިބާކަރް ބެނަޖީ އެވެ.

ނެޓްފްލިކްސް އިން އަންނަ މަހުގެ 15 ގައި ސްޓްރީމް ކުރާ ފިލްމްގެ ޓްރެއިލާ ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.

ރެމޯ ޑި ސޫޒާ ޑައިރެކްޓްކޮށްފައިވާ "ރޭސް 3" އަންނަ މަހުގެ 15 ގަިއ ސިނަމާތަކަށް އަންނަ އިރު، އެ ފިލްމް ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް ބެލެވެ އެވެ.

"އަހަރެމެންގެ ފިލްމް ފަނަރާގައި ދައްކާލަން ނިންމީ ސަލްމާނާ ވާދަ ކުރާކަށް ނޫން އެއްގޮތަކަށް ވެސް. މިއީ މުޅިން ދެ ޕްލެޓްފޯމެއްގައި ގެނެސްދޭ ދެ ފިލްމެއް. އެހެންވެ އެކަމަކާ ސުވާލެއް ނެތް،" ކަރަން ބުންޏެވެ.

އޭނާ ބުނި ގޮތުގައި ސަލްމާނަކީ އެހެން ބަޔަކަށް ވާދަ ކުރެވޭ ވަރަށް ވުރެ މާ މަތީގައި އުޅޭ އެކްޓަރެއް ކަމަށެވެ. އެހެންވެ އެ ހައްގެއް އެއްވެސް މީހަކަށް ނޯންނާނެ ކަމަށް ބުންޏެވެ.

"އަހަރެން ވެސް ދާނަން ރޭސް ތިނެއް ރިލީޒް ކުރާ ދުވަހު ފިލްމް ބަލާލަން. ސަލްމާނަކީ ވަރުގަދަ ސްޕަސްޓާރެއް. އޭނާއަކާ އަހަރެމެންނަކަށް ވާދައެއް ނުކުރެވޭނެ." ކަރަން ބުންޏެވެ.

"ލަސްޓް ސްޓޯރީ" ގެ ތަރިންގެ ތެރޭގައި މަނީޝާ ކޮއިރަލާ، ސަންޖޭ ކަޕޫރް، ކިއާރާ އަދްވާނީ، ވިކީ ކޯޝަލް، ބޫމީ ޕެޑްނޭކަރް، ރާދިކާ އަޕްޓޭ، ނީލް ބޫޕަލަން އަދި ނީހާ ދޫޕިއާ ފަދަ ތަރިން ހިމެނެ އެވެ.