ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވުރެ އަމިއްލަ އެދުން އިސްކުރައްވާ ސިޔާސީ ލީޑަރެއް މިގައުމު އަދި ނުދެކޭ ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ޝައިނީ މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕްރައިމަރީ ގައި ވާދަކުރައްވަން އިތުރު ކެންޑިޑޭޓަކު ނުނިކުތުމުންނެވެ. ޝައިނީ ވަނީ އިތުރު ކެންޑިޑޭޓަކު އެމްޑީޕީން ޕްރައިމަރީގައި ވާދަކުރަން ނުނިކުތީ ނަޝީދު އެހެން މީހަކަށް އެފުރުސަތު ނުދިނުމުން ކަމަށް ތުހުމަތުކޮށްފައެވެ.
"މި ގައުމު ދެކުނު އެންމެ އަމިއްލަ އެދުން ބޮޑު ސިޔާސީ ބޭފުޅަކީ މުހައްމަދު ނަޝީދު. އެ މަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައި އެހެން އެއްވެސް މީހަކަށް އެ މަނިކުފާނާ ވާދަ ކުރުމަށް ފުރުސަތެއް ނުދިން. ގާނޫނު އަސާސީގައި ބުނާ ގޮތުން އެ މަނިކުފާނުގެ ނަންފުޅު އިންތިޚާބުގެ ކަރުދާހުގައި ނޯންނާނެ ކަން އެނގޭ އިރު ވެސް އެމްޑީޕީގެ އެހެން ބޭފުޅަކަށް ޕްރިމަރީގައި ވާދަ ކުރުމުގެ ފުރުސަތެއް ނުދިން."
ޝައިނީ ކުރެއްވި ޓުވީޓުގައި ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާއިރު އޭނާ ވަނީ ރިޔާސީ އިންތިޚާބުގައި ނަޝީދަށް ވާދަކުރެވޭނެ ޖާގައެއް ނެތް ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. ހުރިހާ ޕާޓީތަކުގެ މަޝްވަރާއަށް އެންމެ ބޮޑަށް ބާރުއަޅުއްވާ ބޭފުޅަކީ ޝައިނީއެވެ. ނަމަވެސް އެމްޑީޕީން ކުރާ ޑިމާންޑުތަކަށް ފުރުސަތެއް ނެތް ކަމަށް ބުނެ ޑިމާންޑާ ނުލާ މަޝްވަރާއަށް ވަޑައިގަތުމަށް ޝައިނީ ވަނީ އެކި ފަހަރު މަތިން އިދިކޮޅަށް ހުށައަޅާފައެވެ.