Last Updated: April 25, 11:25
Thursday, April 25, 2024
ޚަބަރު

"ނަސް" ގެ ޕޭޖް ރާއްޖޭން ބްލޮކްކޮށްފި

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް އެކި ގައުމުތަކާއި ގުޅޭ ގޮތުން 1 މިނިޓްގެ ވީޑިއޯ ހަދައި ފޭސްޕުކްގައި އަޕްލޯޑްކުރަމުން އަންނަ ފަލަސްތީނުގެ ނުސައިރު ޔާސިން (ނަސް)ގެ ފޭސްބުކް ޕޭޖަށް ރާއްޖޭން ނުވަދެވޭ ގޮތަށް ބްލޮކް ކޮށްފިއެވެ.

ނަސްގެ ޕޭޖަށް ރާއްޖޭން ނުވަދެވޭ ގޮތަށް ހެދީ މިއަދު ނަސްގެ ޕޭޖުން ރާއްޖޭގެ އަންހެން ކުއްޖަކު ބުރުގާ އެޅުމަށް ފަހު އަލުން ނަގަން ބޭނުންވި ނަމަވެސް އެކަން ނުކުރެވިގެން އުޅޭ ކަމަށް ބުނެ ހެދި ވީޑިއޯއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.

މޫނު ނުފެންނަ ގޮތަށް އަސްލު ނަން ފޮރުވައިގެން "އެކްސް"ގެ ނަމުގައި ފެންނަ އެ އަންހެން ކުއްޖާ ބުނާ ގޮތުން އޭނާ ބުރުގާ އެޅީ އޭނާ ސްކޫލުގައި ތިބޭ އެހެން ކުދިން ވެސް ބުރުގާ އަޅާތީ ކަމަށާއި ނަމަވެސް އޭނާ މިހާރު ބުރުގާ ނަގަން ބޭނުންވާ ކަމަށެވެ. އަދި އޭނާ ބުރުގާ އަޅަން އާއިލާއިން މަޖްބޫރު ނުކުރާ ކަމަށާއި އޭނާ ބޭނުންވަނީ އޭނާގެ ދިގު އިސްތަށިގަނޑު ބުރުގާ ބަގާލައި ދައްކަން ކަމަށެވެ.

އެނގިފައިވާ ގޮތުގައި މިވޯޑިއޯއަކީ އއ. އުކުޅަހުގައި ނަގާފައިވާ ވީޑިއޯއެކެވެ. އަދި މި ވީޑިއޯއިން ދައްކަނީ އެރަށުގެ ޒުވާން އަންހެން ކުއްޖެކެވެ.

ނަސް ޑެއިލީގެ އެއްވެސް ޕޯސްޓެއް ރާއްޖޭގެ އެއްވެސް ހިސާބަކުން ނުވަދެވޭ ގޮތް މިހާރުވަނީ ހަދާފައެވެ.