ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ކުށްވެރިއަކަށް ވާދަ ނުކުރެވޭނެކަމަށް އިލެކްޝަން ކަމިޝަން (އީސީ)ން ބުނެފިއެވެ.
އިލެކްޝަނުން މިއަދު ނެރުނު އާއްމު އިއްލާނެއްގައި ބުނެފައިވަނީ ކުށެއް ސާބިތުވެފައިވާ އެއްވެސް މީހަކަށް ސިޔާސީ ޕާޓީއެއްްގެ ޕްރައިމަރީގައި ވާދަ ނުކުރެވޭނެކަމަށާއި އެފަދައިން ބާއްވާ އިންތިހާބް ބާޠިލް ކުރާނެކަމަށެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ ކަމަށް ވާދަކުރަން ރިޔާސީ ޕްރައިމަރީ އަށް ވެސް ކުރިމަތިލެވޭނީ ގާނޫނުއަސާސީގައި ބުނާ ޝަރުތުތައް ހަމަވާ މީހުންނަށް އެކަނި ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.
މި އަހަރު ބާއަވާ ރިޔާސީ އިންތިހާބުގައި ސިޔާސީ ޕާޓީ ތަމްސީލްކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ޕާޓީއަކުން ޕްރައިމަރީއެއް ބާއްވާނަމަ، ނުވަތަ ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ނިންމާނަމަ، އެކަން ކޮމިޝަނަށް އަންގަންވާނެ ކަމަށްވެސް މިއަދު އިލެކްޝަނުން ނެރުނު އިއްލާނުގައި ބުނެފައިވެއެވެ.
އިލެކްޝަންއިން މިފަދަ އިއްލާނެއް ނެރެފައި މިވަނީ މިމަހުގެ 30 ވަނަ ދުވަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން އިއްލާންކޮށް އިއްޔެގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވެފައިވަނިކޮށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް މުއްދަތު ހަމަވިއިރު ކުރިމަތިލައްވާފައިވަނީ މިހާރުވެސް 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ.
ނަޝީދުވަނީ "ޖަޒީރާ ރައީސް" ނަމުގައި ކެމްޕެއިން ފައްޓަވާފައެވެ.