ރައީސް އަބްދުﷲ ޔާމީނާ ކުރިއަށް އޮޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ފެންވަރުގެ ލީޑަރެއް އިދިކޮޅުގައި ނެތުމުން އުފާވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ކުރިން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުކަން ވެސް ކުރައްވާފައިވާ ރީކޯ މޫސަ ވިދާޅުވެފައިވަނީ މިހާތަނަށް އިދިކޮޅަށް ރައީސް ޔާމީނަށް ޗެލެންޖަކަށް ވާނެ ކެންޑިޑޭޓަކު ދެއްކިފައި ނެތް ކަމަށެވެ.
އެހެންކަމުން އެބޭފުޅުން ތިއްބެވީ ވަރަށް އުފަލުން ކަމަށާއި ޕީޕީއެމްގެ ކެމްޕޭނު އަދި ވަނީ ވަރުގަދަ ކަމަށް މިއަދު އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވިއެވެ.
މޫސާ މަނިކު މިހެން ވިދާޅުވެފައިވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވެފައެވެ. ނަޝީދު އެކަނި އެޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިކުމެފައިވާއިރު އިލެކްޝަންސް ކޮމިޝަނުން ވަނީ އެމްޑީޕީގެ ޕްރައިމަރީ ބާތިލު ކުރާނެ ކަމަށް ނުސީދާ ގޮތުން ބުނެފައެވެ.
އީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުށްވެރިއަކަށް އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށާއި ޕްރައިމަރީގައި ވެސް ބައިވެރިނުވެވޭނެ ކަމަށެވެ. ނަޝީދަކީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އަބްދުﷲ މުހައްމަދު ހައްޔަރުކުރުމުގެ ސަބަބުން ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ލީޑަރެކެވެ.
އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން މިވަގުތު ނަޝީދު ގައުމުން ބޭރަށް އަރުވާލެވިގެން ހުންނެވިއިރު އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން ވަނީ ނަޝީދަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އަރުވަން ޖެހޭނެ ކަމަށް ކަނޑައަޅައި ހުކުމް ކޮށްފައެވެ.