Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

"ޝަރުޠު ކަނޑައަޅާނީ ސުޕުރީމް ކޯޓުގެ ފުލް ބެންޗުން"

ރިޔާސީ ކެންޑިޑޭޓުންގެ ޝަރުތުތަކާއި ގުޅޭގޮތުން ގޮތް ނިންމަންޖެހޭނީ ހުރިހާ ފަނޑިޔާރުން ހާޒިރުވެތިއްބަވާ ފުރިހަމަ ސުޕްރީމް ކޯޓަކުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުށްވެރިންނަށް ރިޔާސީ ޕްރައިމަރީގައި ވާދަ ނުކުރެވޭނެ ކަމަށް ބުނެ އިލެކްޝަން ކަމިޝަނުން މިއަދު ނެރުނު ބަޔާނަށް ރައްދު ދެއްވައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިލެކްޝަންގެ އިއްލާނަކީ ޢައިރު ގާނޫނީ ހާސަރެއް ކަމަށެވެ.

އިލެކްޝަން ކަމިޝަނުން މިއަދު ނެރުނު އިއްލާނެއްގައި ބުނެފައިވަނީ ކުށެއް ސާބިތުވެފައިވާ އެއްވެސް މީހަކަށް ސިޔާސީ ޕާޓީއެއްްގެ ޕްރައިމަރީގައި ވާދަ ނުކުރެވޭނެކަމަށާއި އެފަދައިން ބާއްވާ އިންތިހާބް ބާޠިލް ކުރާނެކަމަށެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ ކަމަށް ވާދަކުރަން ރިޔާސީ ޕްރައިމަރީ އަށް ވެސް ކުރިމަތިލެވޭނީ ގާނޫނުއަސާސީގައި ބުނާ ޝަރުތުތައް ހަމަވާ މީހުންނަށް އެކަނި ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.

ރިޔާސީ ކެންޑިޑޭޓްގެ ޝަރުޠު ކަނޑައަޅާނީ ސްޕުރީމް ކޯޓުގެ ފުލް ބެންޗުންކަމަށް ނަޝީދު ވިދާޅުވިއިރު ސުޕުރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދުވަނީ ސުޕުރީމް ކޯޓުގެ ފުރާޅުގެ ޓިނު ނައްޓައިގެން ވަދެ ހައްޔަރުކޮށްފައެވެ. އަދި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުވާ އުފުލައި އަހަރަކަށްވުރެ ގިނަ ދުވަހަށް ވަނީ ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

މިވަގުތު ސުޕުރީމް ކޯޓު ހިންގަވަމުން ދަނީ ތިން ފަނޑިޔާރުންނެވެ.