Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

ގާޒީ ބަދަލުކޮށްދޭން މަހްލޫފު އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހުމަދު މަހްލޫފުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވާ ގާޒީ ބަދަލު ކޮށްދެއްވުމަށް އެދި މަހްލޫފު ސިޓީއަކުން އެދިއްޖެއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް އާރިފަށް މަހްލޫފު މިއަދު ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ އޭނާގެ މައްސަލަ ބައްލަވަމުންދާ އަލީ އާޒިމް ބަދަލުކޮށްދެއްވުމަށެވެ.

މަހްލޫފު ވިދާޅުވީ 2016 ވަނަ އަހަރު މަހްލޫފުގެ މައްޗަށް ޖަލު ހުކުމް އިއްވީވެސް އަލީ އާޒިމް ދިފާއީ ހެކި ބަލައި ނުގެންކަމަށެވެ. އަދި މިހާރުވެސް މައްސަލަ ކުރިއަށް ގެންދަވަނީ އެ އުސޫލުން ކަމަށާއި މަހްލޫފުގެ ދިފާއީ ވަކީލް ނާޒިމް ސައްތާރު ސަސްޕެންޑް ކޮށްފައިވަނީ އޭނާ ހުށަހެޅުއްވި ދިފާއީ ހެކި ބަލައި ނުގަނެކަމަށެވެ.

މަހްލޫފު ގާޒީ ބަދަލު ކުރެއްވުމަށް ހުށަހެޅުއްވި އަނެއް ސަބަބަކީ 2016 ވަނަ އަހަރު އޭނާގެ މައްޗަށް އިއްވި ހުކުމް އެއީ ގާނޫނާ ހިލާފު ބަންދެއް ކަަމަށް ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ނިންމާފައި ވުމެވެ.

މީގެ ކުރިން، ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި ކަމުގެ ދެ މައްސަލައެއް މަހްލޫފުގެ މައްޗަށް ސާބިތުވެގެން އޭނާ ޖަލަށް ލި އެވެ. އެ ދެ މައްސަލައިގައި 10 މަހާއި 24 ދުވަސް ވަންދެން މަހްލޫފް ޖަލުގައި ހޭދަކުރެއްވި އެވެ.