ސްޓްރޯކެއް ޖެހިގެން ލަންކާ ހޮސްޕިޓަލްގެ އައިސީޔޫގައި އޮންނެވި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ ޙާލުބައްލަވައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އޭނާއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފިއެވެ.
ރައީސްގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ. މަޖީދުގެ ޙާލުކޮޅު ދެރަވެ އައިސީޔޫގައި އެޑްމިޓްކުރި ޚަބަރު ރައީސުލްޖުމްހޫރިއްޔާ އެއްސެވީ ހިތާމަ އާއި އެކު ކަމަށާއި ޑރ. މަޖީދަށް އަވަސް ޝިފާއަކަށް ރައީސް އެދިވަޑައިގަންނަވާކަމަށެވެ.
އަދި އޭނާގެ ޢާއިލާއަށް ކެތްތެރިކަމަށް އެދިވަޑައިގަންނަވާކަމަށްވެސް ރައީސް އޮފީހުގެ ތަރުޖަމާނު ކުރެއްވި ޓްވިޓުގައިވެއެވެ.
މިދިޔަ ހުކުރު ދުވަހު ލަންކާއަށް ވަޑައިގެން އުޅުއްވަނިކޮށް ސްްޓްރޯކެއް ޖެހިގެން ޑރ. މަޖީދު ލަންކާ ހޮސްޕިޓަލަށް ގެންގޮސް އޮޕަރޭޝަނެއް ކޮށްފައިވާ އިރު އިއްޔެ އެމަނިކުފާންގެ ހާލުކޮޅު ސީރިއަސްވެ ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައެވެ.
މަޖީދުގެ ދަރިކަލުން ފާރިސް ވަނީ ބައްޕައަށް ހެޔޮ ދުއާ ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ގުރުއާން ތަފްސީރު ރޮގުން ޕީއެޗްޑީ ހާސިލް ކުރައްވައިގެން ހުންނެވި ޑރ. މަޖީދަކީ ރާއްޖެ ދުށް އެންމެ ވަރުގަދަ އެއް ދީނީ އިލްމުވެރިޔާއެވެ.