Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

ކައުންސިލުން ބިން ދޫކުރަނީ ގާނޫނާ ހިލާފަށް: ޒުހައިރު

އައްޑޫ ސިޓީ ކައުންސިލުން ބިން ދޫކުރަމުން ދަނީ ގާނޫނާ ހިލާފަށް ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އައްޑޫ ހައުސިން ޑިޕާޓްމަންޓްގެ އެގްޒަކަޓިވް ކޯޑިނޭޓަރު އަބްދުﷲ ޒުހައިރު (އަބްހަރީ ޒުހައިރު) ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓްގައި ބޭއްވި ނޫސް ކޮންފަރެންސެެއްގައި ޒުހައިރު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުން ބިން ދޫކުރަމުން ދާކަމުގެ މައުލޫމާތު މީޑިއާގެ ޒަރީއާ އިން ލިބޭ ކަމަށާއި އެކަން ކައުންސިލުން ކުރަމުން ދަނީ ގާނޫނާ ގަވާއިދާއި ހިލާފަށް ކަމަށެވެ.

ޒުހައިރު ވިދާޅުވީ ކައުންސިލަކަށް ބިން ދޫނުކުރެވޭނެކަމަށާއި، އެގޮތަށް ބިން ދޫކުރި ފަރާތްތަކަށް ހައުސިން މިނިސްޓްރީން ގުޅައި އެފަދަ ބިމެއްގައި އެއްވެސް މަސައްކަތެއް ނުކުރުމަށް އަންގަމުން އަންނަ ކަމަށެވެ. އަދި ކައުންސިލުން ބިން ބޭނުންވެއްޖެ ނަމަ އެދެން ޖެހޭނީ ހައުސިން މިނިސްޓްރީ އަށް ކަމަށް ވިދާޅުވި އެވެ.

"ކައުންސިލުން އެފަދަ ކަމެއް ކުރި ކަމަށްވީ ނަމަވެސް ހައުސިން މިނިސްޓްރީގެ ހުއްދަނެތި ދޫކުރި ބިމުގައި މަސައްކަތް ނުކުރުމަށާއި އެތަނުގައި މަސައްކަތް ކުރާ ކަމަށްވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އަޅުގަނޑުމެން ވާނީ އެ ފަރާތަށް އަންގާފައި. މިކަން މިގޮތަށް އެންގުމުން، ބައެއް މީޑިއާތަކުގައި ރައްޔިތުންނަށް އޮޅޭ ގޮތަށް ވާހަކަތައް ޝާއިޢު ކުރަމުންދާތީ އަޅުގަނޑުމެން ވަރަށް ހިތާމަ ކުރަން."

އައްޑޫގައި ބާބަކިއު ސަރަހައްދުތަކެއް ހެދުމަށް ކައުންސިލުން އިއްލާންކޮށް ބަޔަކާއި ހަވާލުކޮށްފައި ވަނިކޮށް ޒުހައިރު ވަނީ އެ މަސައްކަތް ހަވާލު ކުރި ކުންފުނި ނޫން އެހެން ކުންފުންޏަކަށް މަސައްކަތް ހުއްޓާލުމަށް އަންގައި ސިޓީއެއް ފޮނުވައިފަ އެވެ.