ކުރިއަށް ރިޔާސީ އިންތިޚާބުގައި ބައިވެރިވުމަށް ކެންޑިޑެސީ ކަށަވަރު ކުރާނެ ކަމަށާއި އިންތިޚާބުގައި ވާދަ ކުރައްވައި ރައީސް އަބްދުﷲ ޔާމީން ބަލި ވެސް ކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވެވަޑައިގެންފައިވާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރޭ ސްކައިޕް މެދުވެރިކޮށް ނަޝީދު ދެއްވި ބަޔާނުގައި ވިދާޅުވީ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އެމަނިކުފާނުވެސް މިނިވަން ކުރުމަށް ހުކުމްކޮށްފައިވާ ކަމަށާއި ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަދި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުންވެސް އެމަނިކުފާނަށް ވާދަކުރުމަށް ފުރުސަތު ދޭން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާތީ ސަރުކާރުން އެނިންމުމަށް އިހުތިރާމް ކުރައްވަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަދި ރައީސް ޔާމީނުގެ ސިޔާސަތުތަކަށާއި މީގެ ފަސް އަހަރު ކުރިން އެމަނިކުފާނު ވެވަޑައިގަތް ވައުދުތަކުގެ މަތިން ހަނދުމަފުޅު ނެތިފައިވާ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނަޝީދު ވިދާޅުވީ ރައީސް ޔާމީން ވައުދުވެ ވަޑައިގެންނެވި އެއްވެސް ސިޔާސަތެއް ހާސިލު ވެފައި ނުވާ ކަމަށެވެ.
މީގެ އިތުރުން ކުރިން ރައްޔިތުންނަށް ލިބެމުން އައި ޚިދުމަތްތަކުގެ ފެންވަރުވެސް ދަށް ވެފައިވާކަން ނަޝީދު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ކުރިން މަސް ކިރާ ވަރަށް ވުރެ އަގު ދަށްކޮށް މިހާރު މަސް ކިރަމުން އަންނަ ކަމަށާއި ކަރަންޓުގެ އަގު އުފުލެމުން އަންނަ ކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.
މި ފަސް އަހަރުގައި ރައީސް ޔާމީން ކުރެއްވި ކަމަކީ ބޮޑެތި ލޯނު ނަންގަވައިގެން ގައުމު ދަރުވާލުން ކަމަށާއި ރައްޔިތުންނަށް މަންފާ ކުރުވަނިވި ކަމެއް އެމަނިކުފާނު ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަދޮ މިއަދު ރައްޔިތުން ބޭނުންވަނީ ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ވެރިކަމެއް ކަމަށާއި އިންތިޚާބުގައި ވާދަކުރައްވައި ރައީސް ޔާމީން ބަލިކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.