އައްޑޫގެ ތިން ރަށެއްގެ ނަރުދަމާ ނިޒާމް ގާއިމްކޮށް ދޭނެ ފަރާތެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަނުން އިއްލާންކޮށްފި އެވެ.
ފެނަކައިން އިއްުން ކޮށްފައިވަނީ ފޭދޫ އާއި މަރަދޫ އަދި ހުޅުމީދޫގެ ނަރުދަމާ ނިޒާމް ގާއިމްކުރުމާއި ގުޅޭ ގޮތުންނެވެ.
ފެނަކައިން ބުނީ މި ތިން ރަށުގެ ނަރުދަމާ ނިޒާމް ގާއިމްކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 13 މެއި 2013ގައި ފެނަކަ ހެޑް އޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު 2 ޖޫން 2013 ވަނަ ދުވަހުގެ 14:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށެވެ.
އައްޑޫގެ ރަށްތަކުގައި ސާފު ބޯފެނާއި ނަރުދަމާ ގާއިމް ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު 22 އެޕްރީލް 2009ގައި އިފްތިތާހް ކުރި މަޝްރޫއުގައި މިހާތަނަށް ވަނީ ހިތަދޫގައި ފެނާއި ނަރުދަމާ ގާއިމް ކުރުމުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތުގެ ބޮޑުބައި ނިމިފައެވެ. އަދި ނަޝީދުގެ ސަރުކާރު ފެބްރުއަރީ 7 ، 2012 ގައި ބަދަލުވި ފަހުން މި މަސައްކަތް ވަނީ ހުއްޓިފަ އެވެ.
އައްޑޫގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ހަވާލުކޮށްފައި ވަނީ ސަދަން ޔޫޓިލިޓީ ލިމިޓެޑް (އެސްޔޫއެލް) އާއި އިނގިރޭސިވިލާތުގެ ބައި ވޯޓަ ކުންފުންފުނި އެކުވެގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކުންނެވެ.