Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

ފުލުހުންތަކެއް ހޮސްޕިޓަލްގައި "ހުތުރު އެއްޗެހި ގޮވައިފި"

ފޮޓޯ: އިބްރާހިމް އަބްދުﷲ

އައްޑޫ ސިޓީ ހިތަދޫގައި މަސައްކަތް ކުރާ ފުލުހުންތަކެއް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ނަރުހުންނާއި ޑޮކްޓަރަކާއި ހަޑި ހުތުރު ބަހުން މުޢާމަލާތް ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

"އައްޑޫލައިވް'އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 2 ފުލުހަކު ހިތަދޫ ހޮސްޕިޓަލުގައި ހަޑިހުތުރު ބަހުން މުއާމަލާތް ކޮށްފައި ވަނީ އިމަޖެންސީ ރޫމުގެ ތެރޭގައެވެ.

އެކަމުގެ މައުލޫމާތު އެނގޭ ހޮސްޕިޓަލުގެ ނަރުހަކު ބުނިގޮތުގައި ފުލުހުންގެ ވޯކިން ޔުނިފޯމްގައި ހުރި ފުލުހަކާއި ކުލަ ހެދުމުގައި ހުރި ފުލުހަކު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ދިޔައީ، ކުލަ ހެދުމުގައި ހުރި ފުލުސް މީހާ ނޭވާލާން އުނދަގޫ ވެގެން ޑޮކްޓަރަށް ދެއްކުމަށް ކަމަށެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ނަރުސް މީހާ ބުނި ގޮތުގައި އެމަޖެންސީ ރޫމްގައު ހުރި ޑޮކްޓަރު ބަލި މީހާ ބެލުމަށް ފަހު އީސީޖީ ހެދުމަށް އެންގި ކަމަށެވެ. އަދި އީސީޖީ ނަގަމުން ދަނިކޮށް، އީސީޖީ ނަގާ މެޝިނުގެ ކަރުދާސް ހުސްވި ކަމަށާއި އަލުން ކަރުދާސް ލައްވަން އުޅެނިކޮށް ފުލުސް މީހާ ރުޅި އައިސްގެން އެއްޗިހި ކިޔަން ފެށިކަމަށެވެ.

އެ އަށް ފަހު "މިއަށްވުރެ ކަޑަ ހޮސްޕިޓަލެއް ރާއްޖޭގައި ނުހުންނާނޭ" ކިޔައި ނަރުހުންނާއި އެވަގުތު އެމަޖެންސީ ރޫމްގައި ހުރި ޑޮކްޓަރާއި 2 ފުލުހުން ވެސް ވާހަކަ ދެއްކި ކަމަށް ނަރުސް މީހާ ބުންޏެވެ.

ޑޮކްޓަރު ބަލި މީހާ ބެލުމަށް ފަހު އިންޖެކްޝަނެއް ޖެހުމަށް އެންގި ކަމަށާއި އެހިސާބުން ވެސް ލަސްވާ ކަމަށް ބުނެ 2 ފުލުހުން ވެސް ހުތުރު ބަހުން ވާހަކަ ދައްކަން ފެށީ ކަމަށް ވެސް ނަރުސް މީހާ ބުންޏެވެ.

"ހޮސްޕިޓަލަށް އަންނަ މީހުން ނަރުހުންނާއި ޑޮކްޓަރުންނަށް ހުތުރު އެއްޗެހި ގޮވުމަކީ އަބަދުވެސް ހިނގާ ކަމެއް. އެކަމަކު ފުލުހުންގެ ޔުނިފޯމުގައި ހުރެ އަހަރުމެންނާއި ވަރަށް ހަޑިކޮށް ވާހަކަ ދެއްކީ، އެހެން ނުދައްކާށޭ ބުނި ސީނިއަރ ނަރުސް ވާހަކަ ދައްކަން ފެށުމުން އަނގަ ގޮއްވަން ފެށީ. މިއީ ވަރަށް ދެރަކަމެއް." ހޮސްޕިޓަލުގެ އިދާރީ މުވައްޒަފަކު ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮސްޕިޓަލުގެ ނަރުހުންނާއި އިދާރީ މުވައްޒަފުން ވަނީ ފުލުހުން ހުތުރު ބަހުން ވާހަކަ ދެއްކި މައްސަލަ ނަރުހުން ވަނީ ހޮސްޕިޓަލުގެ މެނޭޖްމަންޓްގެ ސަމާލުކަމަށް ގެނެސްފައެވެ.

ދެ ފުލުހަކު ހިތަދޫ ހޮސްޕިޓަލުގެ މުވައްޒަފުންނާއި ހުތުރު ބަހުން މުޢާމަލާތްކުރި މައްސަލަ އާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދިވަނީ ލިބޭގޮތް ނުވެފައެވެ.