ގްލޯބަލް ކައުންޓަރިން ޓްރާންސްނޭޝަނަލް އޮގަނައިޒްޑް ކްރައިމް (ސީޓީއޯސީ) އެލުމިނި ކޮމިއުނިޓީ އޮފް އިންޓްރެސްޓް ވޯކްޝޮޕްގައި ބައިވެރިވުމަށް ފުލުހުންގެ އިންޓާނަލް ސެކިއުރިޓީ ކޮމާންޑްގެ ޑެޕިއުޓީ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ޢަލީ ޖަރުމަންވިލާތަށް ފުރާވަޑައިގެންފި އެވެ.
ބައިނަލްއަގުވާމީ މިންގަޑުތަކުން ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމްގެ މަސައްކަތުގައި މަޝްއޫލްވެ އުޅުއްވާ ފަރާތްތަކުން އެފަރާތްތަކުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ޖޯޖް ސީ.މާޝަލް ޔޫރަޕިއަން ސެންޓަ ފޮ ސެކިއުރިޓީ ސްޓަޑީޒުން އިންތިޒާމްކޮށްގެން ބާއްވާ މި ވޯކްޝޮޕް ކުރިއަށްދާނީ މި މެއި މަހުގެ 22-24 އަށް ޖަރުމަން ވިލާތުގެ ގާމިޝް ޕާޓެންކީރްޗެންގަ އެވެ.
މި ވޯކްޝޮޕްގައި ގްލޯބަލް ކައުންޓަރިން ޓްރާންސްނޭޝަނަލް އޮގަނައިޒްޑް ކްރައިމްގެ ނުރައްކާތަކާއި މިފަދަ ކުށްތައް ހުއްޓުވުމަށް އެކި ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކާއި ބެސްޓް ޕްރެކްޓިސްތަކުގެ އިތުރުން މަޢުލޫމާތުތައް ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން މާޝަލް ސެންޓަރާއި ރީޖަނަލް ސެންޓަރުތަކާމެދު އޮންނަ ގުޅުން ހަރުދަނާކޮށް މިފަދަ ކުށްތައް ހުއްޓުވުމަށް ގުޅިގެން މަސައްކަތް ކުރުމާއި މަޢުލޫމާތު ބަދަލު ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ އެވެ.