މިމަހުގެ 30 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީ އާއި ގުޅޭ މައުލޫމާތު އިލެކްޝަން ކަމިޝަން (އީސީ)އަށް ފޮނުވުމަށް އެމްޑީޕީއަށް އަންގައިފިއެވެ.
އިލެކްޝަން ކަމިޝަންގެ ރައީސް އަހުމަދު ޝަރީފު ސޮއި ކުރައްވައި އެމްޑީޕީއަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ އެޕާޓީގެ އަސާސީގެ ގަވާއިދުގައި، ސިޔާސީ ޕާޓީތަކުގެ ގަވާއިދާއި ހިލާފު އެއްވެސް މާއްދާއެއް ވާނަމަ ބާޠިލްކޮށް، އަސާސީ ގަވާއިދު އިސްލާހު ކުރުމަށްފަހު ފޮނުއްވައި ދިނުމަށެވެ.
މީގެ އިތުރުން ޕާޓީގެ ޕްރައިމަރީގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ބައިވެރި ނުވެވޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާތީ، ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންނާ ޕްރައިމަރީ އޮންނާނެ ތާރީހު އިލެކްޝަންސް ކޮމިޝަނަށް އަންގައި ދިނުމަށް އެމްޑީޕީއަށް ވަނީ އަންގާފައެވެ.
އަދި ޕްރައިމަރީއެއް ބާއްވާ ނަމަ ޖުލައި 1 ގެ ކުރިން ބޭއްވުމަށް އިލެކްޝަނުން އެމްޑީޕީއަށް ވަނީ އަންގާފައެވެ.
އިލެކްޝަނުން އެމްޑީޕީއަށް މިގޮތަށް އެންގި އިރު އެޕާޓީން ވަނީ ޕްރައިމަރީގެ ކެމްޕެއިން ފަށާފައެވެ. "ޖަޒީރާ ރައީސް" ނަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކެމްޕެއިން އިފްތިތާހުކޮށްފައިވާއިރު ވޯޓު ލުން މިމަހުގެ 30 ވަނަ ދުވަހުގެ ރޭ 9 އިން ދަންވަރު 12 ޖަހަންދެން ކުރިއަށް ގެންދާނެކަމަށް އެޕާޓީން ވަނީ އިއްލާންކޮށްފައެވެ.