Last Updated: April 27, 06:00
Saturday, April 27, 2024
ޚަބަރު

އެމްއެޗް 370 ހޯދުން ހުއްޓާލަނީ

ހަތަރު އަހަރަށް ފަހު އެމްއެޗް 370 ހޯދުމުގެ މަސައްކަތް އަންނަ ހަފްތާގައި އެއްކޮށް ހުއްޓާލަން ނިންމައިފި އެވެ.

އެމެރިކާގެ ކުންފުންޏެއް ކަމަށްވާ "އޯޝަން އިންފިނިޓީ" އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ އޮޕަރޭޝަން އެކުންފުނީގެ އެދުމާއި އެކު، މެލޭޝިއާގެ ކެބިނެޓުންވަނީ މޭއި މަހުގެ 29 ވަނަ ދުވަހާއި ހަމައަށް ކުރިއަށްގެންދިއުމަށް މުއްދަތު އިތުރު ކޮށްދީފައެއެވެ. މޭއި 29 ވަނަ ދުވަހަކީ އެމްއެޗް 370 ހޯދުމުގެ އެންމެ ފަހު ދުވަސްކަމަށާއި އޭގެ ފަހުން މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައި ނުވާ ކަމަށް މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރ އެންތޮނީ ލޯކް ވަނީ ހާމަކޮށްފައެވެ.

މެލޭޝިއަން އޭއާލައިންގެ މަތިންދާ ބޯޓަށް ވީނުވީއެއްނޭގި ގެއްލިފައިވަނީ 2014 ވަނައަހަރު 239 މީހުންނާއިއެކު ކުއަލަލަމްޕޫރުން ބެއިޖިންގް އަށް ދަތުރުކުރަކުމުން ދަނިކޮށެވެ.

އެމްއެޗް 370 ގެއްލިގެން ހޯދުމުގެ މަސައްކަތް އެންމެ ފުރަތަމަ މެލޭޝިއާ، ޗައިނާ އަދި އޮސްޓްރޭލިއާ ގުޅިގެން ކޮށްފައިވާއިރު އެމަސައްކަތް ހުއްޓާލާފައިވަނީ މިދިޔައަހަރުގެ ޖެނުއަރީ މަހުގައެވެ. އެފަހަރު އިންޑިއާ ކަނޑުގެ 710،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ހޯދާފައިވާއިރު ހޯދުމުގެ މަސައްކަތަށް އެއްވެސް ވަރެއްގެ ކާމިޔާބީއެއެ ލިބިފައެއް ނުވެއެވެ.

ފުރަތަމަ ކުރިއަށްގެންދިޔަ ބޯޓު ހޯދުމުގެ މަސައްކަތަށް 151 މިލިއަން ޑޮލަރު ހަރަދުވެފައިވާނެކަމަށް ބެލެވޭއިރު ހުރިހާ ހަރަދެއްހެން ކޮށްފައިވަނީ މެލޭޝިއާ ސަރުކާރުންނެވެ. މިއީ މިހާތަނަށް ތާރީހުގައިވެސް މަތިންދާ ބޯޓެއް ގެއްލިގެން ހޯދުމުގެ މަސައްކަތަށް އެންމެ ބޮޑު ހަރަދެއް ކޮށްގައިވާ ފަހަރެވެ.

ފުރަތަމަ ކުރިއަށްދިޔަ ހޯދުމުގެ މަސައްކަތް ކާމިޔާބު ނުވުމުން "އޯޝަން އިންފިނިޓީ" އިން މަސައްކަތާއި ހަވާލުވީ ބޯޓު ހޯދުމުގެ މަސައްކަތަށް ކާމީޔާބެއް ނުލިބިއްޖެނަމަ ފީއެއް ނުނަގާ ގޮތަށެވެ.

އެފްރިކާގެ އިރުމަތީ ރަށަކަށް ލެއްގި ބޯޓުގެ ފިޔަގަނޑުގެ ބައިތަކެއް ފިޔަވާ ބޯޓުގެ އެހެން އެއްވެސް ބައިތަކެއް ފެނިފައި ނުވެއެވެ. ކަމާއި ބެހޭ މާހިރުން ވިދާޅުވާގޮތުގައި ބޯޓު ގެއްލިފައިވަނީ މިސަރަހައްދަށެވެ.

އެމްއެޗް 370 ގެއްލުނު ހާދިސާއާއި ބެހޭގޮތުން އެތައް ބަޔަކު ވަނީ ގިނަ ތިއަރީ ތަކެއް އުފައްދާފައެވެ. މިހާދިސާ ތަހުގީގު ކުރުމުގައި އިސްކޮށް ތިއްބެވި އޮސްޓްރޭލިއާގެ ތަހުގީގުކުރާ ފަރާތްތަކުން ބުނީ މިހާދިސާ ހިނގާފައި ވަނީ ތެޔޮ ހުސްވުމާއި ގުޅިގެން ދިމާވި އެކްސިޑެންޓެއްގެ ސަބަބުން އިންޑިއާ ކަނޑަށް ބޯޓު ވެއްޓިގެންނެވެ.