އައްޑުއަކީ އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ފުލުހުން އައްޑޫގައި ހަރަކާތްތެރިވުމާ މެދު އެއްވެސް ހިތްހަމަނުޖެހުމެއް ނެތް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މިއަދު ވިދާޅުވީ އައްޑޫގައި މި އަހަރު ޖެނުއަރީ މަހު ފެށި "އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނުގެ ސަބަބުން އައްޑޫގައި ކުށްތައް މަދުވެ ޓްރެފިކްގެ ގިނަ މައްސަލަތަކެއް ހައްލުވެގެން ދިޔަ ކަމަށާއި އައްޑޫގައި ފުލުހުން ތިބުމަކީ މަރުހަބާ ކިޔާ ކަމެއް ކަމަށެވެ.
ނަމަވެސް ސޯބެ ވިދާޅުވީ އައްޑޫގައި ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނުގައި ބައެއް އެސްއޯ ފުލުހުންގެ ފަރާތުން ދެކެން ބޭނުން ނުވާ މަންޒަރު ފެނިގެން އެކަމުގެ ޝަކުވާ ކައުންސިލަށް ހުށަހެޅިފައިވާ ކަމަށެވެ. އެގޮތުން ހައްޔަރު ކުރާ ބައެއް ފަރާތްތަކާއި ހުތުރު ބަހުން މުޙާތަބް ކުރުމާއި އަނިޔާ ކުރުމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.
ސޯބެ ވިދާޅުވީ އައްޑޫގައި ފުލުހުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނާ ގުޅޭ އެއްވެސް މައުލޫމާތެއް އައްޑޫގައި ހުންނަވާ ފުލުހުންގެ ކޮމާންޑަރަށް ނޭނގޭ ކަމަށެވެ. އަދި އެސްއޯ ފުލުހުންގެ ބަދަލުގައި އައްޑޫގައި ގިނަ ފުލުހުން ބޭތިއްބުމަށް ސޯބެ ވަނީ ގޮވާލައްވާފަ އެވެ.
އައްޑޫ ފޮލިސް ކޮމާންޑަރު ހުސެއިން މުހައްމަދު (ޝަންކަރު) "އައްޑޫ ލައިވް" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އައްޑޫގައި ފުލުހުން ހިންގަމުންދާ ހުރިހާ އޮޕަރޭޝަނެއްގެ މައުލޫމާތު ކޮމާންޑަރަށް އަބަދުވެސް ލިބެމުން އަންނަ ކަމަށެވެ. އަދި ސޯބެ އެ ގޮތަށް ވިދާޅުވި ވާހަކަ ޝަންކަރު ވަނީ ދޮގު ކުރައްވާފަ އެވެ.
އައްޑޫގައި ފުލުހުންގެ ހާއްސަ ހަރަކާތް ފެށި ފަހުން، އައްޑޫގެ ކުށުގެ މާހައުލު ވަނީ ވަރަށް ބޮޑުތަން ރަނގަޅުވެފަ އެވެ.
އެގޮތުން ވައްކަމާއި، މަސްތުވާތަކެތީގެ މައްސަލައިގެ އިތުރުން ޓްރެފިކް މައްސަލަތައް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.