Last Updated: April 20, 18:15
Saturday, April 20, 2024
ޚަބަރު

މީދޫ ގޮނޑުދޮށުން ހައުސިން އިން ވެެލި ނަގަނީ

ރަށްގިރުމުގެ މައްސަލަ ބޮޑު މީދޫގެ ގޮޑުދޮށުން ހައުސިން މިނިސްޓްރީގެ ވެހިކަލްތަކުގައި ދޮންވެލި ނަގާ މައްސަލަ ބޮޑުވެއްޖެއެވެ.

މީދޫން ވާހަކަ ދެއްކި މީހަކު ބުނީ ރަށުގެ ގޮޑުދޮށް ކަހާލައިގެން ވެލި ނަގައިގެން ގޮސް ހުޅުދޫ މަގު ހެދުމަށް އަޅަމުން އަންނައިރު އެކަމަކީ ގަވާއިދާއި ހިލާފަށް ކުރަމުން އަންނަ ކަމެއް ކަމަށެވެ.

"މިރަށް އެކި ހިސާބުތަކުން ގިރަނީ، އެކަން ހައުސިން މިނިސްޓްރީ އާއި އެންވައިރަމެންޓް މިނިސްޓްރީގެ ސަމާލުކަމަށް އެތައް ފަހަރަކު ގެނެވިއްޖެ، އެކަމަކު އެކަމަށް ހައްލެއް ނުދީ އަނެއްކާ މިފެންނަނީ ރަށުގެ ގޮޑުދޮށް ކޮނެގެން ދޮންވެލި ނަގާތަން"

މީދޫގެ ފުއްޓަރު ފަރާތުން ބޮޑުބައެއް ގިރައިގެން ގޮސް ރަށުގެ އެތެރޭގައިވާ ޗަސްބިމަށް ލޮނުގަނޑު ވަދެދާނެކަމުގެ ބިރު ވަނީ އުފެދިފައެވެ.

މީދޫން ވާހަކަ ދެއްކި މީހާ ބުނީ މަގު ހެދުމަށް ވެލި ނަގަން ޖެހެނީ މީދޫ ގޮޑުދޮށް ކޮނެގެން ނޫންކަމަށެވެ. އަދި އެކަން ކުރަމުން އަންނަނީ އީއައިއޭ ހެދުމެއް ނެތި އެންވައިރަމެންޓް މިނިސްޓްރީގެ ހުއްދަ ނެތިކަމަށެވެ.

ހުޅުދޫގެ މަގުތައް ތާރު އަޅައިގެން ހެދުމަށް މަސައްކަތް ކުރަމުން އަންނަ އިރު މީގެ ކުރިން ސަރުކާރުން އަދި ވަކިން ހާއްސަކޮށް މީދޫގެ ނަރުދަމާ އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ހުޅުދޫ ދާއިރާގެ މެމްބަރ މުހައްމަދު ޝާހިދު ވިދާޅުވީ މީދޫގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ބޮޑު ހިލަ ޖައްސައިދޭނެކަމަށެވެ.

ޝާހިދު މިގޮތަށް ވިދާޅުވި އިރު އެންވައިރަމެންޓް މިނިސްޓަރ ޠާރިގް އިބްރާހިމް އަތްތިލަ ބަޑި ޖައްސަވަމުން ގެންދެވިއެވެ.

ގިރާ ސަރަހައްދު ހިމާޔަތް ކޮށްނުދީ، ރަށުގެ ގޮޑުދޮށުން ވެލި ނަގަމުންދާތީ އެރަށުގެ ބައެއް ރައްޔިތުން ވަނީ އެކަން ހުއްޓުވާނެ ކަމަށް ބުނެފައެވެ.

"އަޅުގަނޑުމެން އެފުރުސަތެއް ދެން ނުދޭނަން، ހުއްޓުވާނަން، ވަރިހަމަ ޖެހޭނީ ގައިމަތިން ވެލި ހިފައިގެންދާ ވެހިކަލް ދާން ޖެހޭނީ"

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި މުޅި އައްޑޫން ރައީސް އަބްދުﷲ ޔާމީނަށް އެންމެ ގިނައިން ވޯޓު ދިން މީދޫ ރައްޔިތުންނަށް މި ސަރުކާރުން ދަނީ ހުއްޓުމެއް ނެތި ޖެއްސުން ކުރަމުންނެވެ. އެކަމާއި ރަށު ރައްޔިތުން ތިބީ ވަރަށް ނުރުހިއެވެ.