Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

އައްޑޫ ބޭންޑް "ބްލެކް ޕާލް" ޖަރުމަނަށް

ހިތަދޫގެ ބޭންޑެއް ކަމަށްވާ "ބްލެކް ޕާލް" ޖަރުމަނުގައި ޝޯވްއެއް ދިނުމަށް މިއަދު ފުރައިފިއެވެ.

ޖަރުމަނުގެ ނޮއިސްގައި މިމަހުގެ 25 ވަނަ ދުވަހު ބާއްވާ ޝޯވްގައި ޕާފޯމް ކުރުމަށް ފުރާފައިވަނީ އެބޭންޑުގެ ފަސް މެމްބަރެކެވެ.

އެއީ އަހުމަދު ހަމްދާން (ޑްރަމް/ވޯކަލްސް)، އިބްރާހީމް ޝާހް (ބޭސް ގިޓާ/ވޯކަލްސް)، މުހައްމަދު މަންޒޫމް (ލީޑް ގިޓާ/ވޯކަލްސް)، އަހުމަދު އަބްދުﷲ (ގިޓާ/ވޯކަލްސް) އަދި ނަސްރުލް އަމީން (ކީ/ވޯކަލްސް) އެވެ.

ބްލެކް ޕާލްސްއިން ބުނީ މި ޝޯވްއަކީ ޖަރުމަނުގެ ރެމާލްސް ނަމަކަށް ކިޔާ ކުންފުންޏެއްގެ 50 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަފްލާއަކަށް ލިބުނު ފުރުސަތެއް ކަމަށެވެ.

2009 ވަނަ އަހަރު އުފެދުނު މި ބޭންޑަކީ އައްޑޫ އާއި ހުވަދޫގެ ރިސޯޓްތަކުގައި ރިސޯޓް މިއުޒިކް ކުޅެމުން އަންނަ ޒުވާން ހުނަރުވެރިން ހިމެނޭ ބޭންޑެކެވެ.

ބްލެކް ޕާލް ޖަރުމަނަށް ފުރާއިރު މިއީ އައްޑޫގެ ބޭންޑެއް ރާއްޖޭން ބޭރުގައި ޕާފޯމް ކުރާ ފުރަތަމަ ފަހަރެވެ.