Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

ޑރ. މަޖީދުގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ސްޓްރޯކެއްޖެހި ލަންކާ ހޮސްޕިޓަލްގައި މިއަދު އަވަހާރަވި ކުރީގެ އިސްލާމިކް މިނިސްޓަރ އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ އާއިލާއަށް ރައީސް އަބްދުﷲ ޔާމީން ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑރ. މަޖީދު އަވަހާރަވި ޚަބަރު ރައީސް އެއްސެވީ ފުން ހިތާމައާ އެކު ކަމަށެވެ. އެ ހިތާމައިގައި ބައިވެރިވެވަޑައިގެން ޑރ. މަޖީދުގެ އާއިލާ އަށް ރައީސް ޔާމީން ތައުޒިޔާ ވިދާޅުވި ކަމަށެވެ.

ޑރ. މަޖީދު އަވަހާރަވީ މިދިޔަ ހުކުރު ދުވަހު ލަންކާގައި އުޅުއްވަނިކޮށް ސްޓްރޯކެއް ޖެހި ވަޑައިގެން ލަންކާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރުއެވެ.

ގުރުއާން ތަފްސީރުން ޕީއެޗްޑީ ނަންގަވައިގެން ހުންނެވި ޑރ. މަޖީދު އަވާހަރަވުމާއި ގުޅިގެން އެތައް ހާސް ދިވެހި ރައްޔިތުން ދަނީ ސޯޝަލް މީޑިއާގައި މަޖީދުގެ އާއިލާއަށް ތައުޒިޔާ ފޮނުވައި، މި ގައުމީ ހިތާމައިގައި ބައިވެރިވަމުންނެވެ.