މިއަދު އަވަހާރަވި ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ދީނީ އިލްމުވެރިޔާ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ ޖަނާޒާ މާދަމާ މެންދުރު ނަމާދަށްފަހު ކޮލަމްބޯގެ ޖާވައްތަ ޖުމްއާ މިސްކިތުގައި ބާއްވަން ނިންމައިފިއެވެ.
މިދިޔަ ހުކުރު ދުވަހު ލަންކާގައި ހުންނަވަނިކޮށް ސްޓްރޯކެއް ޖެހިގެން ލަންކާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ޑރ. މަޖީދު އަވާހަރަވީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.
މާދަމާ ހެނދުނު 10 އިން ފެށިގެން ޖާވައްތަ މިސްކިތުގައި ޑރ. މަޖީދުގެ މޫނުދެއްކުން އޮންނާނެކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އާއިލާއިން ވަނީ މާދަމާގެ ޖަނާޒާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިފައެވެ.
ޑޜ. އަބްދުލް މަޖީދު އަބްދުލް ބާރީ އަވަހާރަވުމާއި ގުޅިގެން އެންމެހާ ދިވެހި ރައްޔިތުން ދަނީ ހިތާމަފާޅުކުރަމުންނެވެ. އަދި މި ގައުމީ ހިތާމައިގައި ބައިވެރިވެ އާއިލާއަށް ދަނީ ތައުޒިޔާ ކިޔަމުންނެވެ.
ގުރުއާން ތަފްސީރުން ޕީއެޗްޑީ ހާސިލް ކުރައްވައިގެން ހުންނެވި ޑރ. މަޖީދަކީ ރާއްޖޭގައި ގުރުއާނުގެ އިލްމު ކުރިއަރުއްވަން އަގުހުރި މަސައްކަތްތަކެއް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. މީގެ އިތުރުންވެސް އިސްމިކް ޔުނިވާސިޓީގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާއިރު ރާއްޖޭގެ ސިޔާސީ މަސްރަހުގައިވެސް އިންސާފަށް ވަކާލާތު ކުރެއްވުމުގައި ޑރ. މަޖީދު ގެންދެވީ ހިތްވަރާއި އެކު މަސައްކަތް ކުރައްވަމުންނެވެ.