Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

އައްޑޫ ބާޒާރު: ކަރާ ކިލޯއެއް 25ރ. އަށް

ރަމަޟާން މަހުގެ ފުރަތަމަ ހަފްތާ ނިމޭއިރު އައްޑޫގެ ބާޒާރުގައި އަދިވެސް އެންމެ އަގުބޮޑީ ކަރާއެވެ. ފާއިތުވި އަހަރުތަކުގައި ކަރާ ކިލޯއެއް 15 ރުފިޔާއަށް ލިބުނަސް މިފަހަރުގެ ރޯދަމަސް ފެށުނު އިރުވެސް ކަރާގެ އަގު މިވަނީ 25 ރުފިޔާގައި ހިފެހެއްޓިފައެވެ.

ފުޅާ ދާއިރާއެއްގައި ކަރާ ހައްދާ މީދޫން ވެސް މިފަހަރު ކަރާ ކިލޯއެއް ވިއްކަނީ 25 ރުފިޔާއަށެވެ.

އައްޑޫ މީދޫ ކޯޕަރޭޓްއިން ބުނީ މިފަހަރުގެ ރަމަޟާން މަހު މީދޫ ދަނޑުވެރިންގެ އަތުން ކޯޕަރޭޓްސްއަށް އެއްވެސް ވަރަކަށް ކަރާ ނުލިބޭކަމަށެވެ. ކޯޕަރެޓްސްއިން ބުނީ ކަރާ ނުލިބުނު އެންމެ ބޮޑު ސަބަބަކީ ރޯދައިގެ ކުރިން ކުރި ވިއްސާރައިގައި ކަރާ ދަނޑުތައް ހަލާކުވުމެވެ.

މީދޫން މިފަހަރު އެކަށީގެންވާ ވަރަށް ކަރާ އައްޑޫއަށް ސަޕްލައި ނުކުރެވުނު ސަބަބަކީ ކަރާގެ އަގު މަތިވި ކަމަށްކަމަށް ކޯޕަރޭޓްސްއިން ބުންޏެވެ.

ކަރާގެ އިތުރުން އައްޑޫގެ ބާޒާރުގައި ހުރި އެހެނިހެން އަގުތަކަށް ބަލާއިރު ރޯ މަސްކިލޯއެއް 35 ރުފިޔާއަށް ވިއްކާއިރު ރޯދަ މަހު އެންމެ ގިނައިން ވިކޭ ކުރުނބާގެ އަގު އުޅެނީ 10 ރުފިޔާއަށެވެ.

ގާޑިއާ ތަކުން ކުރުނބާ 10 ރުފިޔާއަށް ވިއްކަމުން އަންނަ އިރު ބޭރު އަނބު ކިލޯއެއް އުޅެނީ 115 އާއި 120 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ.

އަލަނާސި ކިލޯއެއް 60 ރުފިޔާއަށް ވިއްކާއިރު ކިއުކަމްބާ އަދި ޓޮމާޓޯގެ އަގު އުޅެނީ 40 ރުފިޔާއާއި 55 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ.