Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ރޯދަ އެލަވަންސްގެ ޝަކުވާ ކުރުމުން ވަޒީފާއިން ވަކިކޮށްފި

އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގު.

އައްޑޫ ސިޓީ ހިތަދޫގައި ހިންގާ ޕްރައިވެޓް ކުންފުންޏެއްގައި ވަޒީފާ އަދާކުރަމުން ގެންދިޔަ މީހަކު ރަމަޟާން މަހުގެ އެލަވަން ނުދީގެން އެކަމާއި ޝަކުވާކުރުމުން އޭނާ ވަޒީފާއިން ކަނޑާލައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސެކިއުރިޓީއަކަށް މަސައްކަތް ކުރާތާ 3 އަހަރު ވެފައިވާ މީހާ ވަޒީފާއިން ކަނޑާލީ ރަމަޟާން މަސް ފެށެން އެއް ދުވަހަށް ވެފައި ވަނިކޮށެވެ.

"ރޯދަ މަސް ފެށެން އެއް ދުވަހަށް ވެފައި ވަނިކޮށް ރޯދަ އެލަވަންސް ކޮބާހޭ އެހީ. އެހިސާބުން ބުނީ ދެން ގެއަށް ދާށޭ. ކިޔާފައި ވަޒީފާއިން ކަނޑާލީ." ވަޒީފާއިން ވަކިކުރި މީހާގެ އާއިލާގެ މީހަކު ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯދަ އެލަވަންސް ނުލިބިގެން ޝަކުވާކުރި މީހާ ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނު ނަންބަރު 2/2008 ގެ 51 ވަނަ މާއްދައިގެ (ހ) ގައި ބަޔާންކޮށްފައިވަނީ، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން -/3000 ރުފިޔާ ދޭންވާނެ ކަމަށެވެ.