Last Updated: June 13, 17:08
Saturday, June 13, 2026
ޚަބަރު

ދެ ފަނޑިޔާރުންގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަނީ

ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަން ސާބިތުވެ އެއް އަހަރާއި، ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދުއަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފްގެ ފުރަތަމަ އަޑުއެހުން މާދަމާއަށް ހައިކޯޓުގައި ތާވަލްކޮށްފިއެވެ.

ދެ ފަނޑިޔާރުންގެ އިސްތިއުނާފު ޝަރީއަތް ތާވަލް ކޮށްފައިވަނީ މާދަމާ ހެނދުނަށެވެ.

ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުން ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވާ މައްސަލައެއް ހައިކޯޓަށް ހުށަހަޅައިފިނަމަ 30 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ޖެހެއެވެ. އަދި އަލަށް ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ދަށު ކޯޓުގެ ނިންމުމަށް ހައިކޯޓާއި ސްޕްރީމް ކޯޓުން ތާއިދުކޮށްފިނަމަ ފަނޑިޔާރުކަން އޮޓަމެޓިކުން ގެއްލޭނެއެވެ.

ކްރިމިނަލް ކޯޓުން ވަނީ ސުޕުރީމް ކޯޓުގެ ޖެމްސް ހުއްޓުވި މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

މީގެ އިތުރުންވެސް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅި ކަމުގެ ދައުވާގެ އަޑުއެހުމަކަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ވަނީ ތާވަލްކޮށްފައެވެ.