Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ހުޅުދޫ ސްކޫލްގައި ޕްރިންސިޕަލަކު ނެތް!

ސ. ހުޅުދޫ ސްކޫލްގެ ޕްރިންސިޕަލް މޫސާ ސިއްދީގް ރިޓަޔަ ކުރުމާ ގުޅިގެން އެ ސްކޫލަށް އެޑިއުކޭޝަން މިނިސްޓްރީން ޕްރިންސިޕަލަކު ފޮނުވައި ނުދީގެން ބެލެނިވެރިން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.

ހުޅުދޫން ވާހަކަ ދެއްކި ބެލެނިވެރިއަކު ބުނީ ކުރީގެ ޕްރިންސިޕަލާއި މައްސަލަ ޖެހިފައިވަނިކޮށް އެ ޕްރިންސިޕަލް ރިޓަޔަރ ކުރިފަހުން އެތައް މަހެއް ފާއިތުވެގެންދާ އިރު އަދިވެސް ސްކޫލަށް ޕްރިންސިޕަލަކު ހަމަޖައްސައި ދީފައި ނުވާކަމަށެވެ.

ކަންބޮޑުވުން ފާޅުކުރި ބެލެނިވެރިޔާ ބުނީ މިއަހަރު އަލަށް އެ ސްކޫލްގައި ގްރޭޑް 8 އުފައްދައި ކިޔަވައި ދެމުން އަންނަ އިރު ސްކޫލަށް ޕްރިންސިޕަލަކު ވަރަށް މުހިއްމުކަމަށެވެ.

" ދެ ފަހަރެއްގެ މަތިން މިނިސްޓްރީން އިއްލާން ކުރިކަމަށްވަނީ ޕްރިންސިޕަލަކު ހޯދަން، ޕްރިންސިޕަލްގެ މަގާމަށް މީހުން އެޕްލައިކޮށްފައި ވެސް އެބަހުރި، އެކަމަކު އަދިވެސް ޕްރިންސިޕަލަކު ހަމަނުޖެހޭ، ވާނުވާއެއް ނޭގި އަހަރެމެން މި ތިބެނީ."

އެޑިއުކޭޝަނުގެ އާ މަންހަޖަށް ކިޔަވައިދީ، ސްކޫލްތައް ޓެކްކޮށް، ކުދިންނާއި ޓީޗަރުންނަށް ޓެބްލެޓް ދިނުމަށް އެޑިއުކޭޝަނުން ބޮޑު މަޝްރޫއެއް ހިންގިއަސް ހުޅުދޫ ސްކޫލަކަށް އެކަމުގެ ފައިދާއެއް ނެތްކަމަށް ބެލެނިވެރިޔާ ބުންޏެވެ.

"ހުޅުދޫ ސްކޫލަށް މިގޮތަށް ވާން ޖެހޭ ސަބަބެއް ނުވިސްނޭ، މި ރަށުގެ މެމްބަރަކީ ޕީޕީއެމްގެ އެންމެ ބާރުގަދަ އެއް މެމްބަރު، ކައިވެނިކޮށްގެން އުޅުއްވަނީވެސް މިނިސްޓަރަކާއި، އަނެއްކޮޅު މެޑަމް އާއި ރައީސް އާއި ވަރަށްވެސް ގާތް ބޭފުޅެއް، ގައިމު މިކަން ކިހާ ފަސޭހައިން ހައްލު ކޮށްދެވޭނެ"

"އައްޑޫލައިވް" އަށް އެނގިފައިވާ ގޮތުގައި އެޑިއުކޭޝަނުން ވަނީ ދެ ފަހަރެއްގެ މަތިން ހުޅުދޫ ސްކޫލަށް ޕްރިންސިޕަލަކު ހޯދުމަށް އިއްލާންކޮށްފައެވެ.

އެގޮތުން ފުރަތަމަ ކުރި އިއްލާން ބާޠިލްކޮށް ދެވަނަ ފަހަރު އިއްލާން ކުރުމުން ވެސް ބައެއް ފަރާތްތަކުންވަނީ އެކަމަށް ޝައުގުވެރިކަން ފާޅުކޮށް އެޕްލައިކޮށްފައެވެ. ނަމަވެސް އަދި މިހާތަނަށް ޕްރިންސިޕަލަކު ނެގުމަށް މިނިސްޓްރީން މާ ބޮޑު މަސައްކަތެއް ކޮށްފައި ނުވެއެވެ.