Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ނިޕާ ރާއްޖޭގައި ފެތުރުމުގެ ފުރުސަތު އެބައޮތް: އެޗްޕީއޭ

ނުރައްކާތެރި ނިޕާ ވައިރަސް ރާއްޖޭގައި ވެސް ފެތުރިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އެޗްޕީއޭ އިން ބުނެފައިވަނީ މިބަލި ފަތުރާ ވާލެއް ރާއްޖޭގައި ވެސް އުޅޭ ކަމަށާއި ވާލުގެ ޒަރިއްޔާއިން ބަލި ރާއްޖެ އައުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ނަމަވެސް އަދި ރާއްޖެއިން މިބަލި ފެނިފައިނުވާ ކަމަށް އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އެހެން ނަމަވެސް އަވަށްޓެރި ގައުމުތަކުގައި މިބަލި ފެތުރެމުންދާތީ ރާއްޖެ އައުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން އެކަން މޮނީޓާ ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

ނިޕާ އަކީ ވާލުގެ ޒަރިއްޔާއިން ފެތުރޭ ނުރައްކާތެރި ވައިރެހެކެވެ. އޭގެ އަސަރު އިންސާނުންނާއި އެއްފަދައިން ޖަނަވާރުތަކަށް ވެސް ކުރާއިރު އިންޑިޔާގައި މިބަލި ހަލުވި ކަމާއެކު ފެތުރެމުންދާތީ އެގައުމުގެ ސިއްހަތާ ބެހޭ އިދާރާއިން ވަނީ ޚާއްސަ ފިޔަވަޅުތައް އަޅަން ފަށާފައެވެ.