ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އިތުރަށް ގޯސްވެދާނެކަމަށް ބަލައި ބޮޑު ސަރަހައްދަކަށް މޫސުމާއި ބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، ޑިޕާޓްމަންޓް އޮފް މީޓޮރޮލިޖީ (މެޓް) އޮފީހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ މިއަދު މެންދުރު 03:00 ފެށިގެން މިރޭ 07:00 އާ ހަމައަށް ހއ. އިން ފެށިގެން ލ. އަތޮޅުގެ ބޮޑުބަޔަކަށް ބޯކޮށް ވިއްސާރަވެހޭނެ ކަމަށެވެ.
މެޓުން ބުނީ ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ގަޑިއަކު 30 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށާއި ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ.