ދީނީ ދަރުސްތަކަށް ސްކޫލްތައް ނުދެނީ އެޑިއުކޭޝަންގައި ލާދީނީ ބަޔަކު ތިބެގެންކަމަށްވާ ނަމަ އެބަޔަކު ނެރެ ސާފު ކުރުމަށް ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ގޮވާލައްވައިފިއެވެ.
ބ ކިހާދޫ ކައުންސިލާއި ޖަމިއްޔަތުއް ސަލަފް ގުޅިގެން ކިހާދޫ ރައްޔިތުންނަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ނަމާދު ވޯރކްޝޮޕަށް ކިހާދޫ ސްކޫލް ހޯލް ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ދެކޮޅު ހެދުމާއި ގުޅިގެން ޝެއިހް އަލީ ޒައިދުގެ ފޭސްބުކް ޕޭޖްގައި ވިދާޅުވީ އިސްލާމީ ދައުވަތަށް ހުރަސް އަޅާނީ ލާދީނީ މީހުން ކަމަށާއި، ސަރުކާރުން ދީނީ ކަންކަމަށް އަހަމިއްޔަތުކަން ދެއްވާކަމަށް ވިދާޅުވާ ވިދާޅުވުން އަމަލީ ގޮތުން ދެއްކެވުމަށެވެ.
އަލީ ޒައިދު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީގައި ލާދީނީ މީހަކު ހުރިނަމަ އެތަން ވީއެންމެ އަވަހަކަށް ސާފު ކުރެއްވުމަށެވެ.
މީގެ ކުރިންވެސް ޖަމިއްޔަތު ސަލަފްގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އަހުމަދު ސަމީރު ހުޅުމީދޫގައި ބޭއްވުމަށް ނިންމި ދަރުސްއަށް އަތޮޅު މަދަރަސާގެ ހޯލު އެޑިއުކޭޝަނުން ނުދިން މައްސަލާގައި ޖަމިއްޔަތުއް ސަލަފުގެ އިލްމުވެރިން ވަނީ ކަންބޮޑުވެ، އެކަމާއި ގުޅިގެން މަޝްވަރާކޮށްފައެވެ.
ރަމަޟާން މަހު ޖަމިއްޔަތުއް ސަލަފުން ހިންގާ ހަރަކާތްތަކަށް ސްކޫލްތައް ނުލިބޭ އިރު މި ސަރުކާރަކީ "ދީނާއި ގައުމަށްޓަކައި" ޝިއާރުގެ ދަށުން ތަފާތު ހަރަކާތް ހިންގާ ސަރުކާރެކެވެ. އެހެންވެ ގިނަ ބަޔަކު ދަނީ މިކަމާއި ގުޅިގެން ސަރުކާރަށް ފާޑު ކިޔަމުންނެވެ.