އެއް ވަނަ އިނާމަކަށް 15،000ރ. ލިބޭ ދީނީ ސުވާލު މުބާރާތެއް ކުރިއަށް ގެންދަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި ރަމަޟާން މަހުގެ ފަހު 15 ވަނަ ދުވަހު އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މުބާރާތަކީ ދީނީ އަދި ޤައުމީ ލޯބި އިތުރުކޮށް އިސްލާމީ ތާރީޚާއި ހަޟާރަތާއި ފިޤުހީ މަޢުލޫމާތު މުއްސަނދި ކުރުމަށް ކުރިއަށްގެންދާ މުބާރާތެއް ކަމަށެވެ. އިސްލާމިކް
މުބާރާތުގައި ބައިވެރިވެވޭނީ މަދުވެގެން 3 މީހުން، ގިނަވެގެން 5 މީހުންގެ ޓީމަކަށެވެ. ކަމަށާއި މުބާރާތުން ޖުމްލަ 8 ޓީމަކަށް ފުރުޞަތު ދޭނެ އެވެ. އަދި 8 ޓީމަށް ވުރެ އިތުރަށް މުބާރާތުގައި ބައިވެރިވުމަށް ހުށައަޅާފައިވާ ނަމަ ޓީމްތައް އިޚްތިޔާރު ކުރުމަށް ހަމަޖެހިފައިވަނީ އެޕްލިކޭޝަން ފޯމްތައް ހުށައެޅި ތަރުތީބުންކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މުބާރާތް ކުރިއަށް ގެންދާނީ ދެ ބަޔަކަށް ބަހާލައިގެންނެވެ.
ފުރަތަމަ ބުރުގައި މުބާރާތުގައި ބައިވެރިވާ ޓީމުތައް ދެ ބަޔަކަށް ބަހާލައި ގުރުއަތުން ދިމާވާ ދެ ޓީމް ވާދަ ކުރުމަށް ހަމަޖެހިފައިވާ އިރު މިބުރުން މޮޅުވާ ޓީމްތައް ދެވަނަ ބުރުގައި ވާދަ ކުރަން ވަނީ ހަމަޖެހިފައެވެ. އަދި ދެވަނަ ބުރު ނިމުމުން މޮޅުވާ ދެ ޓީމްގެ ގޮތުގައި ފައިނަލް ކުއިޒް އަދި ބަލިވާ ދެ ޓީމްގެ މެދުގައި ތިން ވަނަ ހޮވާ ކުއިޒްއެއް ބެއްވުމަށް ހަމަޖެހިފައިވެ އެވެ.
މި މުބާރާތުން 1 ވަނަ އަށް 15،000ރ. އާއި ހަނދާނީ ލިޔުމުގެ އިތުރުން ޓްރޮފީއެއް ލިބޭނެ އެވެ. އަދި 2 ވަނަ ޓީމަކަށް 10،000ރ އަދި 3 ވަނައަށް 5.000ރ. ދޭނެ އެވެ.
މީގެ އިތރުން މި މުބާރާތުގެ އެންމެ މޮޅު ދެ ބައިވެރިޔަކު ވެސް ހޮވާނެ އެވެ.
މުބާރާތުގައި ބައިވެރިވާން އެދޭ މީހުން މާދަމާއާ ހަމައަށް ވަނީ ބައިވެރިވާން އެދޭ ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.