Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

އައިސްލޭންޑްގައި 22 ގަޑިއިރު ރޯދަ އަށް!

އައިސްލޭންޑް، އެގައުމުގެ މުސްލިމުން 22 ގަޑިއިރު ރޯދައަށް ތިބޭ

މި ރަމަޟާން މަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުން ރޯދަ ހިފަމުން އަންނަ އިރު އެންމެ ގިނަ ވަގުތު ރޯދައަށް ތިބެނީ އައިސްލޭންޑްގައި ދިރިއުޅޭ މުސްލިމުންނެވެ.

އެ ގައުމުގެ މުސްލިމުން 22 ގަޑިއިރު ރޯދައަށް ތިބޭއިރު އެގައުމުގެ ގިނަ މުސްލިމުން ބުނަނީ އެއީ އެއްވެސް ބޮޑު ކަމެއް ނޫންކަމަށެވެ.

އައިސްލޭންޑަށް އިރުއޮއްސެނީ ދަންވަރު 2 ޖަހާއިރުއެވެ. އަދި އިރުއަރަނީ ފަތިހު 4 ޖަހާއިރުއެވެ. އެގައުމުގެ މުސްލިމުންނަށް ރޯދަ ވީއްލުމަށާއި ހާރު ކެއުމަށް ލިބެނީ ޖުމްލަ 2 ގަޑިއިރުއެވެ. އެހެން ނަމަވެސް އެގައުމުގެ މުސްލިމުންގެ ޝަކުވާއެއް ނެތެވެ. އެމީހުން ތިބީ އުފަލުންނެވެ. ރޯދައިގެ ސަވާބާއި، ބަރަކާތް ހޯދުމަށް ފިސާރި ހިތްވަރާއިއެކުއެވެ.

ދުނިޔޭގެ އެކި ގައުމުގަކުގައި މުސްލިމުން ރޯދައަށް ތިބޭ ވަގުތު ތަފާތެވެ. އެގޮތުން އައިސްލޭންޑް ފިޔަވައި ދެން އެންމެ ގިނަ ވަގުތު ރޯދައަށް ތިބެނީ ގްރީންލޭންޑް މީހުންނެވެ. އެމީހުންވެސް 22 ގަޑިއިރު ރޯދައަށް ތިބެން ޖެހެއެވެ.

ޔޫރަޕްގެ ގައުމުތަކަށް ބަލާއިރު ތުރުކީ، ސްޕެއިންގެ މުސްލިމުން 16 ގަޑިއިރު ރޯދައަށް ތިބެން ޖެހެއެވެ. ޕާކިސްތާނުގައި 16 ގަޑިއިރު އަދި އިންޑިއާގައި 15 ގަޑިއިރު ރޯދައަށް ތިބެންޖެހޭއިރު ސައުދީއަރަބިޔާގައި ރޯދައަށް ތިބެނީ 14 ގަޑިއިރަށެވެ.

މިފަހަރު ރަމަޟާން މަހު އެންމެ ކުޑަ ވަގުތުކޮޅެއްގައި ރޯދައަށް ތިބެން ޖެހެނީ އޮސްތްރޭލިއާ އަދި އާޖެންޓީނާގައެވެ. އޮސްޓްރޭލިއާ މުސްލިމުން 11:50 މިނިޓް ރޯދައަށް ތިބޭއިރު އާޖެންޓީނާގައި ރޯދައަށް ތިބެން ޖެހެނީ 11:46 މިނިޓަށެވެ.