ކައިވެނީގެ ހަފުލާ ބާއްވާނީ ރާއްޖޭގައި ކަމަށް ބުނެ ބުނުމަށް ފަހު ފަހުން އެ ހިޔާލް ދޫކޮށްލައި އިންޑިއާގައި މިދިޔަ އަހަރު ކުރި ކައިވެންޏަށް ފަހު ބޮލީވުޑް މަޝްހޫރު ދެ ތަރިން ކަމަށްވާ ކަރީނާ ކަޕޫރާއި ސައިފް އަލީ ހާން ޗުއްޓީއަކަށް ރާއްޖެ އަތުވެއްޖެ އެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާ އާ ބެހޭ ހަބަރުތަައް ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައި ވަނީ "ސައިފީނާ" ގެ ނަމުން މަޝްހޫރުވެފައިވާ ޖޯޑް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައިސްފައި ވަނީ މި ހަފުތާގެ ކުރީކޮޅު ކަމަށެވެ. އެހެން ނަމަވެސް އެ ދެ ތަރިން ޗުއްޓީ ހޭދަ ކުރަނީ ކޮން ރިސޯޓެއްގައި ކަމަށް އެ ސައިޓްގައި ހާމަކޮށްފައެއް ނުވެ އެވެ.
އަދި މި ދެތަރިންނާ އެކު ސައިފްގެ ކޮއްކޮ އަދި ބަތަލާ ސޯހާ އަލީ ހާނާއި އޭނާގެ ލޯބިވެރިޔާ ބަތަލް ކުނާލް ކޭމޫ ވެސް ބައިވެރިވާ ކަމަށް އެނގިފައިވެ އެވެ.
މީގެ ކުރިން ވެސް މި ދެ ތަރިން އެކުގައި ރާއްޖެ އައިސްފައިވެ އެވެ. ކަރީނާ އާއި ސައިފް ކައިވެނި ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 16 ވަނަ ދުވަހު އެވެ. އަދި ކައިވެންޏަށް ފަހު ދެ މީހުން ހަނީމޫން ހަދާފައި ވަނީ ސްވިޓްޒަލެންގަ އެވެ.
ސައިފް އާއި ކަރީނާ އެކުގައި އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ "އެޖެންޓް ވިނޯދް" އިންނެވެ. ސައިފްގެ ދެން އެންމެ އަވަހަށް ރިލީޒް ވާނީ ޒޮމްބީ ފިލްމް "ގޯ ގޯއާ ގޯން" އެވެ. އަދި ކަރީނާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ސަތިއަގްރަހާ" އަދި "ގޯރީ ތެރޭ ޕިޔާރު މޭ" ފަދަ ފިލްްމްތައް ހިމެނެ އެވެ.