Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ސަލާހާއި ރޮނާލްޑޯގެ ކުރިމަތިލުމެއް؛ މޮޅުވާނީ ކާކު؟

ފުޓުބޯޅައަށް ލޯބިކުރާ މީހުން އަހަރުގެ އެންމެ އިންތިޒާރު ކުރާ އެއް މެޗަށް ޔުއެފާ ޗެމްޕިއަންސް ލީގު ފައިނަލް މެޗު ވެފައިވާއިރު މިރޭ ރެއާލާއި ލިވަޕޫލް ބައްދަލުކުރާ މެޗަށް ގިނަ ބަޔަކު އިންތިޒާރު ކުރާތާ ދުވަސްތަކެއް ވެއްޖެއެވެ.

ތާރީޚު ރެއާލް ކޮޅަށް ބުރަވާއިރު ލިވަޕޫލްގެ މިސްރުގެ ފޯވާޑް، މުހައްމަދު ސަލާހު އަންނަނީ މިސީޒަނުގައި އޭނާއާ ކުރިމަތިލާ ހުރިހާ ޓީމަކަށް ނުރައްކާ ކުރަމުންނެވެ. އެކަން ރެއާލުންވެސް ގަބޫލުކުރާއިރު ލިވަޕޫލަށް ވެސް ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ޚާއްސަ ސަމާލުކަމެއް ދޭން މަޖުބޫރުވެއެވެ.

މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިފައިވާއިރު އޭނާ ވަނީ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއްގައި ގޯލު ޖަހާފައެވެ. އަނެއްކޮޅުން ސަލާހް ވަނީ މިފަހަރު ލީގުގައި ރޮނާލްޑޯ ހަދާފައިވާ އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު 32 ގޯލާއެކު މުގުރާލާފައެވެ.

ފާއިތުވެދިޔަ ދެ މުބާރާތް ވެސް ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރާ ފުރަތަމަ ޓީމަށް ވުމަށް ތައްޔާރުވަމުން އަންނައިރު ލިވަޕޫލުން އަންނަނީ ފާއިތުވެދިޔަ އަހަރުތަކުގައި ކުލަބު ޓްރޮފީއާ ބީރައްޓެހި ކުލަބެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް 6 ވަނަ ޗެމްޕިއަންސް ލީގު ނެގުމަށް ތައްޔާރުވަމުންނެވެ.

ރާއްޖެ ގަޑިން މިރޭ 11:45 ގައި ފެށޭ މިމެޗު ބަލާލުމަށް ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުންވެސް ތައްޔާރުވަމުން އަންނައިރު މިއީ ދޫކޮށްލާވަރުގެ މެޗެއް ނޫނެވެ. ދެޓީމުގެ ވަރުގަދަ ކުރިމަތިލުމަކަށް ފަހު މޮޅުވާ ޓީމެއް ބަލަން އެތައް މިލިއަން މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބީ ކެތް މަދުވެފައެވެ.