Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ނަޝީދުގެ ފޭސްބުކް ލައިވް މިއަދު ހަވީރު

ކުރީގެ ރައިސް މުހައްމަދު ނަޝީދު މިއަދު ފޭސްބުކް ލައިވް މެދުވެރިކޮށް އާއްމުންނާއި ބައްދަލު ކުރާނެކަމަށް ވިދާޅުވެއްޖެއެވެ.

ނަޝީދު ޓްވިޓަރ މެދުވެރިކޮށް ވިދާޅުވީ މިއަދު ހަވީރު ރާއްޖެ ގަޑިން 4:30ގައި ފޭސްބުކް ލައިވްކޮށް ދިވެހިންނާއި ބައްދަލު ކުރާނެކަމަށެވެ.

ރޭވެސް ނަޝީދުވަނީ ފޭސްބުކް ލައިވް މެދުވެރިކޮށް ރައްޔިތުންނާއި ބައްދަލުކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރެއްވި މައްސަލާގައި ޓެރަރިޒަމް ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ހުކުމް ކުރައްވާފައިވާ އިރު އެމަނިކުފާން ބޭސްފަރުވާއަކަށް ރާއްޖޭން ބޭރަށް ވަޑައިގެންނެވި ގޮތަށް އުޅުއްވަނީ އިނގިރޭސިވިލާތާއި، އަވައްޓެރި ލަންކާގައެވެ.

އަންނަ ސެޕްޓެމްބަރ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނަޝީދުވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ޕްރައިމަރީގައި ބައިވެރިވެ ކެމްޕެއިން ފައްޓަވާފައެވެ.

"ޖަޒީރާ ރައީސް"ގެ ނަމުގައި ނަޝީދު ކެމްޕެއިން ފައްޓަވާފައިވާ އިރު އެމަނިކުފާންގެ ސަޕޯޓަރުންނާއި ބައްދަލު ކުރައްވަނީ ސްކައިޕް މެދުވެރިކޮށެވެ. އަދި ރެއިން ފެށިގެން ފޭސްބުކް ލައިވްކޮށް އާއްމުންނާއި ބައްދަލުކުރައްވަން ނަޝީދު ވަނީ ފައްޓަވާފައެވެ.

ނަޝީދު ޕްރައިމަރީގައި ވާދަކުރާތީ އެކަން ހުއްޓުވުމަށް އިލެކްޝަނުން ވަނީ އެމްޑީޕީއަށް އަންގާފައެވެ. އަދި އެގޮތަށް އަމަލް ނުކޮށްފިނަމަ ޕާޓީ އުވާލަން ޖެހިދާނެކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.