Last Updated: April 24, 21:50
Wednesday, April 24, 2024
ޚަބަރު

އަލީ ވަހީދު އެމްޑީޕީ ދޫކޮށް ޖޭޕީ އަށް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރު، އަލީ ވަޙީދު އެމްޑީޕީ ދޫކޮށް ޖުމުހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމައިފިއެވެ.

އަލީ ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ މެމްބަރުންނަށާއި ލީޑާޝިޕަށް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. ނަމަވެސް މިވަގުތު ޕާޓީ ދޫކޮށް ޖުމުހޫރީ ޕާޓީއާ ގުޅުމަށް ނިންމާފައިވާތީ ވަކިވެލީ ކަމަށް ވިދާޅުވިއެވެ.

މޭ 1، 2015 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު އެއްވުމަށް ފަހު ޓެރަރިޒަމްގެ ދައުވާ އުފުލުމުން ގައުމުން ބޭރަށް ވަޑައިގެންނެވުމަށް ފަހު އަލީ ވަހީދު ވަނީ އަމިއްލައަށް ރާއްޖެއިން ބޭރަށް އަރުވާލެވިގެން، އިނގިރޭސި ވިލާތަށް ދިރިއުޅުން ބަދަލު ކުރައްވާފައެވެ.

އަދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން 2016 ވަނަ އަހަރު އިސްތިއުފާ ދެއްވިއެވެ. އޭނާ އޭރު ވިދާޅުވީ ޕާޓީގެ ހަރަކާތްތަކާއި މެމްބަރުންނާއި ދުރުގައި ހުންނަން ޖެހުމުން ޕާޓީއަށް ބޭނުންތެރި ލީޑަރަކާ ޕާޓީ ހަވާލުކުރުމަށް މަގާމުން އިސްތިއުފާ ދެއްވާ ކަމަށެވެ.

ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލު ކުރެއްވި ނަމަވެސް އަލީ ވަހީދު ވަނީ ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ، ފާތުމަތު އިބްރާހިމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. ބައެއް އިންޓަވިއުތަކުގައި އަލީ ވަހީދު ވަނީ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަ ދައްކައި ރައީސް ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކޮށްފައެވެ.

ޑީއާރުޕީގައި އިސް ދައުރެއް އަދާ ކުރެއްވުމަށް ފަހު ރައީސް ނަޝީދުގެ ވެރިކަމުގައި އަލީ ވަހީދު ވަނީ ޕާޓީ ބަދަލުކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އެމްޑީޕީގައި ވަރަށް އިސްކޮށް މަސައްކަތް ކުރެއްވުމަށް ފަހު އޭނާ ވަނީ މިދިޔަ އާންމު އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަވެސް ކުރައްވާފައެވެ. ނަމަވެސް އަލީ ވަހީދު ވަނީ އިންތިޚާބުން ބަލިވެފައެވެ.