Last Updated: April 18, 18:05
Thursday, April 18, 2024
ޚަބަރު

ނަޝީދުގެ ރަނިންމޭޓަކަށް މާލޭން ބޭރު ބޭފުޅެއް

ކުމި އަހަރު ފަހުކޮޅު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރަނިންމޭޓަކަށް މާލޭ ބޭފުޅަކު ހަމަނުޖައްސަވާނެ ކަމަށާއި އެ މަޤާމު ދޭނީ އަތޮޅުތެރޭގެ ރަށަކަށް ނިސްބަތްވާ ބޭފުޅަކަށް ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.

ފޭސްބުކް ލައިވް މެދުވެރިކޮށް، ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ރަނިންމޭޓަކަށް ހޮވާނީ އެމަޤާމަށް އެކަށީގެންވާ ރަނގަޅު، އިޚްލާސްތެރި ބޭފުޅެއް ކަމަށެވެ.

އެހެންނަމަވެސް ރަނިންމޭޓަކަށް އައްޔަން ކުރައްވާނީ ކޮން ބޭފުޅެއް ކަމެއް ނަޝީދު ވިދާޅެއް ނުވެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނެކަމަށް ތަކުރާރުކޮށް މީގެކުރިން ވިދާޅުވިނަމަވެސް، ނަޝީދު ވިދާޅުވީ އެކަން ވާނީ ރައްޔިތުންގެ ޖޯޝާއި ފޯރި ނެރުނު ވަރަކުން ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރެއްވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެމެރިކާ އިން އިންތިޚާބު އިންސާފުވެރިކޮށް ދިނުމަށް އެހީތެރިވެދެވެން އޮތް އެންމެ ފުޅާ މިނެއްގައި އެހީތެރިވެދޭނެ ކަމަށާއި، އަދި އެ މަސައްކަތް ކުރިއަށް އޮތް މަހެއްގެ ތެރޭގައި ފެނިގެންދާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.